އީގަލްސް ކުޅޭ ސްޓައިލް ބަދަލުނުކުރާނެކަމަށާއި، ކުރިޔަށްއޮތް މެޗުގައިވެސް ކުޅޭނީ އެޓޭކިން ގޭމެއްކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ޕްރިމިއަރ ލީގުގައި އެންމެ ފަހުން އީގަލްސް ކުޅުނު މެޗުގައި އެޓީމު ވަނީ ޔުނައިޓެޑް ވިކްޓްރީ އަތުން 4-4 އިން އެއްވަރުވެފައެވެ. މި މެޗުގެ ނަތީޖާ ޔޫވީއިން ހަމަހަމަކުރީ އީގަލްސްއިން 4 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ.
ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ ދަ ގްރާންޑޭއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، އެންމެ ފަހުން ލީގުގައި ޔޫވީއާއި ބައްދަލުކުރި މެޗުގައި ލަނޑުތަކެއް އެޓީމުކޮޅަށް ވަތްނަމަވެސް، އެޓީމުގެ އެޓޭކިން ގޭމް ޕްލޭނަށް ބަދަލެއް ނުގެންނާނެކަމަށެވެ. މޯހަން ބުނީ އެޓޭކިން ގޭމެއް ކުޅުނު ނަމަވެސް ފަހަތަށް އަންނަ ބޯޅަތައް ޑިފެންސްކުރުމުގައި ކުރިޔަށްވުރެއް ބޮޑަށް ދެން ހުރި މެޗުތަކުގައި ސަމާލުކަންދޭނެކަމަށެވެ.
މޯހަން ބުނީ ދަ ގްރާންޑޭއާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެކަމަށާއި، އެޓީމަކީވެސް އީގަލްސްއާއި އެއް ފެންވަރުގެ ޓީމެއްކަމަށެވެ. މޯހަން ބުނީ މިއަހަރުގެ ޕްރިމިއަރ ލީގަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭއަކީ ފެންވަރުގެ ގޮތުން ރަނގަޅު ކުޅުންތެރިން ތިބި ޓީމެއްކަމަށާއި، އެޓީމު ބަލިކުރެވޭނީ ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްކޮށްގެންކަމަށެވެ.
"ދަ ގްރާންޑޭއަކީ ފަސޭހަ ޓީމެއް ނޫން. މިއަހަރު އަލަށް އުޅޭ ޓީމެއް ވަރަށް ރަނގަޅު ސްކޮޑެއްވެސް އެބައޮތް އެޓީމުގައި. ރަނގަޅު ނަތީޖާތަކެއްވެސް ލީގުގައި މިހާތަނަށް ވަނީ ނެރެފައި. ހަގީގަތަށް ބުނަންޔާ އީގަލްސްއާއި އެއް ލެވެލްއެއްގެ ޓީމެއް ގްރާންޑޭއަކީ. ދަށް ޓީމެއް ނޫން އެއީ. އެހެންވީމަ ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްކޮށްގެން ނުނީ މިކަމެއް ނުވާނެ." މޯހަން ބުންޏެވެ.
ލީގުގެ އިއްޔެގެ މެޗުތަކުގެ ނަތީޖާ އަށް ފަހު އީގަލްސް މި ވަގުތު އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. މިރޭ ދަ ގްރާންޑޭ އަތުން މޮޅުވެގެން އީގަލްސް އަށް ދެ ވަނަ އަށް އެރޭނެ އެވެ. މޯހަން ބުނީ ލީގުގެ ރަނގަޅު ހިސާބަކަށް ދާން ބަލާއިރު އަދިވެސް އެ ޓީމު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށެވެ.