ކުޅިވަރު

އީގަލްސްއާއި ދަ ގްރާންޑޭގެ ކުރިމަތިލުން ހަމަހަމަ


ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ އީގަލްސް މޮޅުވާން ދަނިކޮށް ދަ ގްރާންޑޭއިން އެޓީމު މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު 20 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. ދެ ވަނައިގައި 15 ޕޮއިންޓާ އެކު ކްލަބް ގްރީން ސްޓްރީޓްސް އޮތްއިރު ތިން ވަނައިގައި އޮތް އީގަލްސް އާއި ހަތަރު ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. އީގަލްސް އަށް ތިން ވަނަ ލިބެނީ ގްރާންޑޭ އަށްވުރެ ފައިދާ ފަސް ގޯލު އިތުރުވުމުންނެވެ.

މެޗު ފަށައިގެން އީގަލްސްއިން މޮޅަށް ކުޅުނު ނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ ދަ ގްރާންޑޭ އިންނެވެ. ދަ ގްރާންޑޭ އިން މެޗުގައި އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާގައި 20 ވަނަ މިނެޓުގައި އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. މުލަކޭގެ ގޯލަށް ފަހު މެޗުގެ 28 ވަނަ މިނެޓުގައި އީގަލްސް އިންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އީގަލްސް އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 33 ވަނަ މިނެޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖަހައިދިން ގޯލުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ދަ ގްރާންޑޭއިން ވަނީ މޮޅަށް ކުޅެ އީގަލްސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މި ހާފުގައި ދަ ގްރާންޑޭ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ ސީނިއާ ގައުމީ ޓީމުގައި ހިމެނޭ އަޔާޒް އަހުމަދު (އަޔާ) އެވެ.

މިމެޗުން ބަލިނުވެ ދަ ގްރާންޑޭ ސަލާމަތްކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ ޓޯސޫ ކްރިސްޓިއަން ޑޮޑްޒީ އެވެ.

ތިން ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ހޮނިހިރު އަދި އާދީއްތަ ދުވަހު މެޗުތައް ކުޅުމަށް ފަހު ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ 10 ވަނަ ދުވަހު ރަށުން ބޭރުގައި ސީރިއާއާ ވާދަކުރާ މެޗަށް ލީގުގެ ކުޅުން މެދުކަނޑާލާނެ އެވެ.