ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް ސްޕޯޓްސް މިނިސްޓަރު އަޙުމަދު މަހުލޫފްއާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަކީ އެހެން ކުޅިވަރުތަކަށް ވެވުނު ބޭ އިންސާފެއް ކަމަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ސްޕޯޓްސް މިނިސްޓަރު އަޙުމަދު މަހުލޫފްއާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު މޫސާ ނާޝިދު ހިމެނިވަޑައިންނަވާ ޤައުމީ ޓީމް ކޮމެޓީގެ މަސްއޫލިއްޔަތަކީ ޖޫނިއާރ އުމުރުފުރާއިން ފެށިގެން ސީނިއާރ ޓީމާ ހަމައަށް ޤައުމީ ޓީމުތަކުގެ ކުރަންޖެހޭ ހުރިހާ ކަމެއްގައި އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށާއި ޤައުމީ ޓީމުތައް ތައްޔާރުވުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުމެވެ.
މި ކޮމިޓީއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ، ދެ ވަޒީރަކު ހިމަނައިގެން ޤައުމީ ޓީމުގެ ކޮމިޓީ އެކުލަވާލުމަކީ އެހެން ކުޅިވަރުތަކަށް ވެވުނު ބޭ އިންސާފެއްކަމަށާއި، ކޮމިޓީއަށް މީހުން ނެގުމުގައި ކޮންމެވެސް އުސޫލެއް އޮންނަންވާނެކަމަށެެވެ. ސުޒޭން ބުނީ މި ކޮމިޓީއަށް އާންމުންގެ ފާޑު ކިޔުން އަމާޒުވެގެން މި އުޅެނީ ސިޔާސީ ކުލަ ޖެހިދާނެތީކަމަށެވެ.
ސުޒޭން ބުނީ ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްއާއި، ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދަކީ އޭނާ ވަރަށް އިޙްތިރާމްކުރައްވާ ބޭފުޅުންކަމަށާއި، ޚާއްސަކޮށް މިނިސްޓަރ ޢަލީ ވަހީދަކީ ފުޓްބޯޅައަށް ޚިދުމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ.
"ދެން އަޅުގަނޑަށް ތިޔަށް ފުޓްބޯޅައިގެ ބޭރުން އެއްޗެއް ދަންނަވާ ކަމަށްވަންޔާ ބުނެވޭނީ، މިއީ އެހެން ކުޅިވަރުތަކަށް ވަރަށް ބޮޑު ބޭ އިންސާފެއް ކަންނޭންގެ. ދެން ކޮމިޓީގެ ސަބަބުން ޤައުމީ ޓީމަށް މި ކޮމިޓީގެ ސަބަބުން އިތުރު ބޫސްޓެއް އައުން އެއީ އަޅުގަނޑުމެން ފުޓްބޯޅައަށް ލޯބިކުރާ އެންމެވެސް ބޭނުންވާނެ ގޮތް". ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މި ކޮމިޓީއަށް ވަޒީރުން ލައިގެންވެސް ވިޔަސް ދިވެހި ފުޓްބޯޅައަށް އިތުރު ކުރިއެރުމެއް އައުމަކީ ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެންމެވެސް ބޭނުންވާނެ ގޮތްކަމަށެވެ. އަދި ކޮމިޓީގައި ތިއްބެވި ބޭފުޅުން މިކަންތައްތައް އިތުރު މަރުހަލާއަކަށް ގެންދަންނޫޅެ ފުޓްބޯޅައިގެ ތެރެއިން ކުރިއެރުން އަންނާނެ ގޮތަކަށް ކަންތައްތައް ކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ސުޒޭން ބުންޏެވެ.