ވިޔަފާރި

ކްރޮސްރޯޑްސްގެ ހާޑްރޮކް ކެފޭ ހުޅުވައިފި


ދުނިޔޭގެ ނަން މަޝްހޫރު ހޮޓެލް ޗެއިން، ހާޑްރޮކް ހޮޓެލްސްއިން ކްރޮސްރޯޑްސްގައި ތަރައްޤީކޮށްފައިވާ ހާޑްރޮކް ކެފޭ ހުޅުވައިފިއެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ހާޑްރޮކް ކެފޭ ރަސްމީކޮށް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

ހާޑްރޮކް ކެފޭއަކީ ކްރޮސްރޯޑަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި ޢާންމުންނަށް އެއްތަނަކުން ޚިދުމަތް ލިބޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ. މި ކެފޭއަކީ ކްރޮސްރޯޑްސްގައި ތަރައްޤީކޮށްފައިވާ ހާޑްރޮކް ހޮޓެލްގެ ބައެކެވެ. އެހެންނަމަވެސް ކެފޭ ތަރައްޤީކޮށްފައިވަނީ ރިސޯޓުގެ ބޭރުން އާންމުންނަށް ވަދެވޭހެން ކްރޮސްރޯޑްސްގެ މެރީނާ ބޭ ގައެވެ.

މިއުޒިކާއި މިއުޒިކްގެ އެކި ފަންނުތަކަށް ޚާއްސަކޮށްގެން ފަރުމާ ކޮށްފައިވާ މި ކެފޭއަކީ އެހެން ކެފޭތަކާއި ތަފާތު ތަނެކެވެ. އެގޮތުން ކެފޭ މުޅިން ހެން ފަރުމާކޮށްފައިވަނީ މިއުޒިކާއި ގުޅުވައިގެންނެވެ. އެގޮތުން ގިޓާ، ޕިއާނޯ ފަދަ ތަކެތި ކެފޭ ޒީނަތްތެރިކުރުމުގައި ވެސް ބޭނުންކޮށްފައިވެއެވެ.

އެގޮތުން އެންމެ ޚާއްސައީ މެދުކެނޑުމެތްނެތި ކެފޭއިން އަޑު އިވިގެންދާ ހާޑް ރޮކް ލަވަތަކެވެ. މީގެ އިތުރުން ރިސޯޓުގެ މުވައްޒަފުންގެ ޔުނިފޯމްތައް ވެސް ޚާއްސަކޮށްފައިވަނީ މި ތީމްއާއި ގުޅުވައިގެންނެވެ.

ހާޑް ރޮކް ކެފޭގެ މެނޫއިން ތާފާތު ވައްތަރުގެ ކެއުންތައް އާންމުންނަށް ލިބިގެންދާއިރު މީގެ ތެރެއިން ވެސް އެންމެ ޚާއްސަ ވެގެންދާނީ ހާޑް ރޮކް ބަރގަރ ކަމަށް ހާޑްރޮކް ކެފޭއިން ބުނެއެވެ.

ހާޑް ރޮކް ކެފޭގެ އިތުރުންވެސް ކްރޮސްރޮޑްސްގެ މެރީނާ ބޭގައި ތަފާތު ބްރޭންޑްތަކުގެ ކެފޭ ރެސްޓޯރަންޓް ތަރައްޤީކޮށްފައިވެއެވެ. އޭގެ ތެރޭގައި ދާދިފަހުން ހުޅުވި މިނިސްޓްރީ އޮފް ކްރެބް އަދި ކަރީ ރެސްޓޯރެންޓް ފާހަގަކޮށްލެވެއެވެ.