ކުޅިވަރު

ދެވަނަ ޑިވިޝަނުގެ ޓީމުތަކަށް ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


މި އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކުލްބު ލައިސަންސް ހޯދުމުގެ ފުރުސަތު އެފްއޭއެމުން ހުޅުވާލައިފިއެވެ.

އަންނަ މަހު ފަށާ މުބާރާތުގައި ވާދަކުރާ ޓީމުތަކާ ޤައުމީ ފުޓްބޯޅަ އިދާރާއިން މިހާރު ވަނީ ބައްދަލުކޮށްފައެވެ. އަދި ލައިންސަންސަށް އެދޭއިރު މިދިޔަ އަހަރު ކުލަބު ހިންގި ގޮތުގެ ތަފްސީލް ރިޕޯޓާއި ފައިސާ ހޭދަކުރި ގޮތުގެ ރިޕޯޓްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ލިޔުން ހުށަޙަލަން ޖެހޭކަން ވަނީ އަންގާފައެވެ. ރާއްޖޭގެ ކުލަބުތައް އޭއެފްސީ މިންގަނޑަށް ފެއްތުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން ދެ ވަނަ ޑިވިޝަނުގެ ޓީމުތަކަށް ދޭން ނިންމާފައިވަނީ ލޯކަލް ލައިސަންސެކެވެ.

މި ގޮތުން އެފްއޭއެމުން ނިންމާފައިވަނީ މި އަހަރު ބީ ލައިސަންސް ނެތް ކޯޗަކަށް ދެ ވަނަ ޑިވިޝަނުގައި ހެޑް ކޯޗުކަން ނުކުރެވޭގޮތަށެވެ. އެފްއޭއެމުން ވަނީ މި އަހަރު ކުރީކޮޅު ކުލަބުތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދައިދިނުމުގެ ގިނަ އަދަދެއްގެ ކޯޗިން ކޯސްތަކާއި އެޑްމިނިސްޓްރޭޓިވް ކޯސްތަކެއް ހިންގާފައެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ފެނިގެންދާނެ އެންމެ މަޝްހޫރު ޓީމަކަށްވާނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވެލެންސިއާއެވެ. 39 އަހަރަށް ފަހު އެ ޓީމު ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ މިދިޔަ އަހަރުގެ މާލޭ ލީގުގެ ގަދަ ހަޔަކުން ކެޓުމުންނެވެ.