އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަރުކާރުގެ ސްޓޭޓްމިނިސްޓަރަކު އެ ކޮމިޝަނަށް ހާޒިރުވާން އެންގުމުން ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ އާއި ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރު ފޯނުކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ޝިއުނާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގައި އޭސީސީގެ ރައީސާ ޝިއުނާ ވިދާޅުވީ އޭސީސީން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ސަމީރު އޭނާއަށް ފޯނު ކުރައްވައި ބިރުދެއްކެވުމަށް ވާހަކަ ދެއްކެވިކަމަށެވެ.
"މިކަމާ ގުޅިގެން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުވެސް ކޮށްފާނެ އޭ އެކަހަލަ ގޮތަކަށް ވާހަކަ ދިޔައީ. ފުރަތަމަ ކަމަކީ އެއީ އެ ބޭފުޅާއާ ބެހޭ ކަމެއްވެސް ނޫން. އެއީ އެހެން ފަރާތަކާ ގުޅުންހުރި މައްސަލައެއް. އެހެންވީމަ އެގޮތައް ވާހަކަ ދެއްކީމަ އެކަމާ ހިތްހަމަނުޖެހިގެން މެމްބަރުން ކައިރިވެސް ދެންނެވިން އޭސީސީގެ ހެޑުން ކައިރި ވެސް ދެއްކި، އަޅުގަނޑު ރޮޒޭއާ އާ ދިމާވެގެން އެ ވާހަކަ އޮންނާނީ ބުނެލާފައި،" ޝިއުނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޝިއުނާ ވިދާޅުވީ އެއީ މައްސަލައަކަށް ނުފޫޒު ފޯރުވަން ކުރެއްވި ކަމެއްކަމަށް ނުދެކޭ ކަމަށެވެ.
ސަމީރު ވިދާޅުވީ އޭސީސީން ބަލަމުންދާ އެއްވެސް މައްސަލައަކާއި ގުޅިގެން އެ ކޮމިޝަންގެ ރައީސަށްވެސް އަދި އެހެން މެމްބަރަކަށްވެސް ނުފޫޒެއް ފޯރުވަން މަސައްކަތް ކުރައްވާފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް ސިޔާސީ މަގާމެއްގައި ހުރި މީހަކު އޭސީސީއަށް ދާން ފޯނު ކޮށްފައި އެންގުމުން އެއީ އޭސީސީން ތޯއާއި އެކަން ކުރަން އޮންނަނީ އެހެންތޯ ޔަގީންކުރުމަށް ޝިއުނާއަށް ގުޅުއްވިކަމަށް ސަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނިޔަތެއްވެސް ނެތް އޭސީސީން ބަލަމުންދާ މައްސަލައަކަށް ނުފޫޒެއް ފޯރުވާކަށް. އޭސީސީއަށް އަލަށް މެމްބަރުން ވަޑައިގަތުމުން އަޅުގަނޑު ޔަގީންކުރީ އޭސީސީން އިން އެގޮތައްތޯ އެ ޕްރޮސީޖާ ކުރިއަށް ގެންދަނީ،" ސަމީރު ވިދާޅުވިއެވެ.
އޭގެ އިތުރުން ސަމީރު ވިދާޅުވީ އޭސީސީން ގުޅުއްވާފައި ސިޔާސީ މަގާމެއްގައި ހުރިމީހަކަށް އަމިއްލަ ހަސިއްޔަތުން އެ ކޮމިޝަނަށް ވަޑައިގަތުމަށް އެންގެވުމުން ތުހުމަތުކުރެވެނީ ސަރުކާރުގެ ޕްރޮޖެކްޓަކާއި ގުޅިގެންތޯ ކަށަވަރު ކުރުންވެސް އެއީ އެފޯނު ކޯލްކުރުމުގެ މަޤުސަދެއްކަމަށެވެ.