ކުޅިވަރު

އެއް ލައްކަ ފަންސާސް ހާސް ރުފިޔާއިން ވިކްޓްރީ ޖޫރިމަނާކޮށްފި


ވިކްޓްރީ ސްޕޯޓްސް ކްލަބް އެންމެ ފަހުން ލީގުގައި ކުޅެން އޮތް ދެ މެޗަށް ހާޒިރުވެފައި ނުވާތީ، އެފްއޭއެމުން އެ ކްލަބް ޖޫރިމަނާކޮށްފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ށ.ފޯކައިދޫއާއި ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުވެފައެއް ނުވެއެވެ. އަދި މީގެ އިތުރުން ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ރޭ ކްލަބް ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުނުވުމުގެ ސަބަބުން ސާޅީސް ހާސް ރުފިޔާއިން އެފަހަރު އެފްއޭއެމްއިން ވަނީ ވިކްޓްރީ ޖޫރިމަނާކޮށްފައެވެ. ނަމަވެސް އެފްއޭއެމުން ވިކްޓްރީއަށް ދޭން ޖެހޭ ރުފިޔާއިން މި އަދަދު މިހާރު ވަނީ އުނިކޮށްފައެވެ.

އެންމެ ފަހުން ވިކްޓްރީ ކުޅެން އޮތް ދެ މެޗަށް ހާޒިރު ނުވުމުގެ ސަބަބުން މި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވިކްޓްރީ ހާޒިރުނުވުމާއި، މި ކުށް ތިން ފަހަރު ތަކުރާރުވުމާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ގަވާއިދުގެ 11.4 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 32 ވަނަ މާއްދާގެ ދަށުން، ކުށް ތަކުރާރުކުރުމުން ކުށްކުރާ ފަރާތަށް ދީފައިވާ އަދަބުގެ 50 އިންސައްތަ އިތުރުވާ ގޮތުގެމަތިން ވިކްޓްރީ ސްޕޯޓްސް ކުލަބް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ވިކްޓަރީ އިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއްލައްކަ ފަންސާސްހާ ރުފިޔާއަށް އަރާނެއެވެ.

މީގެއިތުރުން ވިކްޓްރީ ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރުނުވުމާއި ގުޅިގެން ފޯކައިދޫ ފުޓުބޯޅަ ކުލަބާއި ޔުނައިޓެޑް ވިކްޓްރީ، މިއިން ކޮންމެ ޓީމަކަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ވަނީ ދީފައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ގިނަ ކްލަބަތަކުގެ މާލީ ހާލާތު ގޯސްވެފައިވާއިރު، މި ހާލަތަށް ޓީމު ދިޔަ ސަބަބެއްގެ ގޮތުގައި ބައެއް ކްލަބްތަކުން ބުނަމުން އަންނީ، މިދިޔަ ސަރުކާރުން ކުންފުނިތަށް މެދުވެރިކޮށް އެސްއޯއީގެ ގޮތުގައި ދެމުން ދިޔަ 3 މިލިއަން ރުދިޔާ ދިނުން ހުއްޓާލުމެވެ.

މިކަމާއި ގުޅޭ ގޮތުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މިނިސްޓްރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފް ވިދާޅުވީ، ކުރިން ސަރުކާރުން ކްލަބްތަކަށް ރުފިޔާ ދެމުން ދިޔަ ގޮތަށް މި ސަރުކާރުން އެކަން ނުކުރާނެކަމަށާއި، ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވެ ކްލަބް ހިންގޭ ވަރަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.