ޚަބަރު

އިންޤިލާބީ ހުރިހާ ބޮޑެތި ބަދަލުތަކެއްގެ ފަހަތުގައި ތިބީ ޒުވާނުން - ހޯމް މިނިސްޓަރ


ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ ތާރީޚުންވެސް ފެނިފައިވަނީ ބޮޑެތި އިންޤިލާބީ ބަދަލުތަކުގެ ފަހަތުގައި ތިބީ ޒުވާނުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމަރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން އއ.މަތިވެރީގައި ބޭއްވި ޔޫތު ލީޑަރސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމަރާން ޢަބްދުﷲ ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރަނީ ވަރަށް ބޮޑު މަޤްސަދެއްގައިކަމަށާއި އެކަމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެކި ފޯރަމްތަކާއި ވޯކްޝޮޕްތައް ކުރިއަށްގެންދަނީ މި މަޤްސަދުގައިކަމަށާއި ސަރުކާރުން އުއްމީދުކުރަނީ ޒުވާނުން އަމިއްލައަށް މިފަދަ ކަންކަމުގައި އިސްނަގާ ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާނެ ބަޔަކަށް ވުންކަމަށެވެ. ދުނިޔެއާއި ރާއްޖޭގެ ތާރީޚުން ގިނަ މިސާލު ޖައްސަވާ މިނިސްޓަރ ވިދާޅުވީ އިންޤިލާބީ ހުރިހާ ބަދަލެއްގެ ފަހަތުގައިވަނީ އަބަދުވެސް ހިތްވަރުގަދަ ޒިންމާދާރު ޒުވާނުންކަމަށެވެ.

މި ރަސްމިއްޔާތުގައި ފޯރަމްގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްފައިވެއެވެ. ގިނަ ދާއިރާތަކަކުން ކަމާ ގުޅޭ ތަޖުރިބާކާރުން މި ފޯރަމުގައި ސެޝަންތައް ނަގާދެއްވިއެވެ.

3 ދުވަހުގެ މުއްދަތަކަށް ބޭއްވި ފޯރަމްގައި އއ.އަތޮޅުގެ 8 ރަށަކުން 80 ފަރާތަކުންވަނީ ބައިވެރިވެފައެވެ. މި ފޯރަމްގައި ބައިވެރިވި ފަރާތްތަކުންވަނީ ތިމާވެއްޓާމެދު އިތުރަށް ހޭލުންތެރިވެ އެހެން މީހުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި އެއް މަސްދުވަސް ދުވަހަށް ޕްލާސްޓިކް ބޭނުން ނުކުރުމަށް އަޒުމު ކަނޑައަޅާފައެވެ.