ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި ކުރަމުން އަންނަ ތަމްރީންތަކުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ކުރިޔަށް އޮތް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑްގައި ޤައުމީ ޓީމު ކޭމްޕް ކޮށްފައިވާއިރު، ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ތައިލެންޑްގެ ރަންގްސިޓް ޔުނަވާސިޓީގެ ބާސްކެޓްބޯޅަ ޓީމާއެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 44 ޕޮއިންޓް 31 ޕޮއިންޓުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ކުއާޓާގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރ ނިމުނުއިރު 11 ޕޮއިންޓް 5 ޕޮއިންޓުން ރާއްޖެ އޮތީ ކުރީގައެވެ. .
ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ލީޑު ގެއްލުނަ ނުދީ ހިފަހައްޓާފައެވެ. އެގޮތުން 6 ޕޮއިންޓްގެ ލީޑަކާއެކު ފުރަތަމަ ކުއާޓަރ ނިންމާލިއިރު ދެވަނަ ކުއަޓަރގައި ދިވެހި ޓީމުންވަނީ ހަތް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.
ރާއްޖެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޝައިލާން މޮޅު ކުޅުމެއް ދެއްކި މި މެޗުގެ ތިންވަނަ ކުއާޓާގައިވެސް ރާއްޖެއިން ދިޔައީ ލިބޭ ފުރުސަތުގައި ސްކޯރކޮށް ނަތީޖާގެ ފަރަގު ބޮޑު ކުރަމުންނެވެ. ނަތީޖާއަކަށްވީ ރަންގްސިޓް ޔުނަވާސިޓީގެ ޓީމަށް ރާއްޖެއިން ނަގާފައިވާ 7 ޕޮއިންޓްގެ ލީޑު ހަނިކުރެވޭގޮތް ނުވުމެވެ. މެޗުގެ ތިންވަނަ ކުއާޓާ 8 ޕޮއިންޓްގެ ލީޑެއްގައި އޮވެ ރާއްޖެއިން ނިންމާލީ 32 ޕޮއިންޓް 24 ޕޮއިންޓުންނެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު ޤައުމީ އަންހެން ބާސްކެޓް ޓީމު މި މެޗަށް ނިކުތްއިރު، މެޗުގެ ފަހު ކުއާޓަރގައިވެސް ރާއްޖެއިންވަނީ 13 ޕޮއިންޓްގެ ލީޑްގައި އޮވެ މެޗު ކާމިޔާބުކޮށްފައެވެ. އެއީ 31 ޕޮއިންޓް 44 ޕޮއިންޓުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ، މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭކަމަށާއި، މެޗަށް ކުޅުންތެރިން ނިކުތީ އިތުބާރާއެކުކަމަށެވެ. ސުޕުން ބުނީ ގިނަ ފަހަރު ރާއްޖެއިން ބޭރަށް ގޮސް މެޗު ކުޅޭއިރު ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ފެނުނުނަމަވެސް، މި މެޗުގައި އެކަހަލަ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ކޯޗު ސުޕުން ވަނީ ފާހަގަކޮށްފައެވެ.
"މެޗުގައި ކުޅުންތެރިންގެ ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ. މެޗަށް ކުޅުންތެރިން ނުކުތީ އިތުބާރާއެކު. ކުރިން ގިނަ ފަހަރު ޤައުމުން ބޭރުގައި މެޗަކަށް ނުކުންނައިރު ކޮންމެވެސް ވަރެއްގެ ހާސްކަމެއް ހުރޭ ކުޅުންތެރިންގެ. އެކަމު މިއަދު އެކަމުގެ އެއްވެސް ނިޝާނެއް ނުފެނޭ. ޚާއްސަކޮށް އަދި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ". ސުޕުން ބުންޏެވެ.
މިމަހުގެ 1 އިން 10 އަށް ތައިލެންޑްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕްކޮށްފައިވާއިރު، މި ޓްރެއިނިން ކޭމްޕްގައި 3 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތަމްރީން ދަތުރުގައި ކުޅޭ ދެވަނަ މެޗުގައި މިއަދު ރާއްޖެ ނިކުންނާނީ ތައިލެންޑްގެ ސްރިޕަތުން ޔުނިވާސިޓީއާއި ދެކޮޅަށެވެ. އަދި ފަހު މެޗުގައި މާދަމާ ނުކުންނާނީ ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި ދެކޮޅަށެވެ.