ތައިލެންޑްގެ ޔުނިވާސިޓީ ޗެމްޕިއަން ސިރްޕަތުން ޔުނިވާސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕްކޮށް ތަމްރީން ކުރަމުންދާއިރު، މި ކޭމްޕްގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖެ ނިކުތީ ތައިލެންޑްގެ ޔުނިވާސިޓީއެއް ކަމަށްވާ ސިރްޕަތުން ޔުނިވާސިޓީއާއި ދެކޮޅަށެވެ. މި މެޗުން ރާއްޖެ ބަލިވީ 77 ޕޮއިންޓް 49 ޕޮއިންޓުންނެވެ.
އެންމެ ފަހުން ތައިލެންޑްގެ ޔުނިވާސިޓީތަކުގެ މެދުގައި ބޭއްވި ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދި ސިރްޕަތުމް ޔުނިވާސިޓީއާއި ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރގައި ސިރްޕަތުމް ޔުނިވާސިޓީއަށް މާ ބޮޑު ލީޑެއްގައި އޮވެގެން ކުޅުމުގެ ފުރުސަތު ރާއްޖެއިން ދީފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު 3 ޕޮއިންޓްގެ ލީޑަކާއެކު ކުރީގައި އޮތީ ސިރްޕަތުމް ޔުނިވާސިޓީއެވެ. އެއީ 15 ޕޮއިންޓް 12 ޕޮއިންޓްއެވެ.
މެޗުގެ ދެވަނަ ކުއާޓާ ފަށައިގެން ސިރްޕަތުމް ޔުނިވާސިޓީން ދިޔައީ އެޓީމު ކުޅުން ވަރުގަދަކޮށް ގާތްގާތުގައި ސްކޯރ ކުރަމުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރ 3 ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ނިންމާލި ނަމަވެސް ދެވަނަ ކުއާޓާ ނިމުން އިރު ސިރްޕަތުމް ޔުނިވާސިޓީން ވަނީ 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ 30 ޕޮއިންޓް 20 ޕޮއިންޓުންނެވެ.
ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ 3 ކުޅުންތެރިއަކު މި މެޗުގައި ސިރްޕަތުމް ޔުނިވާސިޓީގެ ޓީމަށް ވަނީ ކުޅެފައެވެ. އެ ކުޅުންތެރިންނަކީ އެ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ. ދެވަނަ ކުއާޓާ 10 ޕޮއިންޓްގެ ލީޑެއްގައި އޮވެ ނިމުނުއިރު ތިންވަނަ ކުއަޓާރ ނިމުންއިރު އޮތީ 9 ޕޮއިންޓްގެ ލީޑެކެއެވެ. އެއީ 49 ޕޮއިންޓް 40 ޕޮއިންޓެވެ.
މެޗުގެ ފަހު ކުއާޓާގައި ސިރްޕަތުމް ޔުނިވާސިޓީން ވަނީ 28 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ސިރްޕަތުމް ޔުނިވާސިޓީން ކާމިޔާބުކުރީ 77 ޕޮއިންޓް 49 ޕޮއިންޓްއިންނެވެ.
މިމަހުގެ 1 އިން 10 ގެ ނިޔަލަށް ތައިލެންޑްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕްކޮށްފައިވާއިރު، މި ޓްރެއިނިން ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރަންގްސިޓް ޔުނިވާސިޓީގެ މައްޗަށް ރާއްޖެ ވަނީ ކުރި ހޯދާފައެވެ. ޖުމްލަ 3 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނާނީ ތައިލެންޑްގެ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ދެކޮޅަށެވެ.