ކުޅިވަރު

ތައިލެންޑަކީ މުޅިން ތަފާތު ސްޓައިލެއްގެ ވަރުގަދަ ޓީމެއް: ޤުރައިޝް


ތައިލެންޑްގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް ނަތީޖާ ގޯސް ނޫންކަމަށާއި، ރާއްޖެއާއި އަޅާ ބަލާއިރު ތައިލެންޑް ޓީމަކީ މާ ބޮޑަށްވެސް މޮޅު ޓީމެއް ކަމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު ޤުރައިޝް އަފްރާހް ބުނެފިއެވެ.

އަންނަ މަހު ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ ތައިލެންޑްގައި ކޭމްޕްކޮށް ތަމްރީން ހަދަމުންނެއެވެ. މި ތަމްރީން ދަތުރުގައި ތައިލެންޑްގެ 2 ޔުނިވާސިޓީއަކާއި އެ ޤައުމުގެ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި އެއްކޮށް ވަނީ މެޗެއް ކުޅެފައެވެ.
ޓްރެއިނިންގ ކޭމްޕްގައި ކުޅުނު ފަހު މެޗުގައި ރާއްޖެ ނުކުތީ ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓް ޓީމާއި ދެކޮޅަށެވެ. މި މެޗުން ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭ ޤައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗު ޤުރައިޝް އަފްރާހް ބުނީ، މި ޓްރެއިނިންގ ކޭމްޕްގައި ކުޅޭ މެޗުތަކުގައި ބޮޑަށް އިސްކަންދެނީ ނަތީޖާއަށްވުރެއް ބޮޑަށް ކުޅުންތެރިން ކުރިޔަށްއޮތް މުބާރާތައް ތައްޔާރުކުރަންކަމަށެވެ. އަދި ރާއްޖެއާއި އަޅާބަލާއިރު ވަރލްޑް ރޭންކިންގެ ގޮތުންވިޔަސް ތައިލެންޑްއަކީ މާ މޮޅު ޓީމެއްކަން ޤުރައިޝް ފާހަގަކުރިއެވެ.

ޤުރައިޝް ބުނީ މި މެޗު ފަށައިގެން ތައިލެންޑް ޓީމުގެ ކުޅުންތެރިންގެ ސްޕީޑް ބާރުކަމުންނާއި ފިޒިކަލީ ވަރުގަދަވުމުން މެޗަށް ހޭނެން ވަގުތު ނެގިކަމަށެވެ. އަދި މެޗުގެ ފަހު ދެ ކުއާޓާގައި ރަނގަޅު ކުޅުމެއް ޓީމުގެ ފަރާތުން ފެނިގެންދިޔަކަމަށް ޤުރައިޝް ބުންޏެވެ.

"މެޗް މީ ނަތީޖާއަށްވުރެއް ބޮޑަށް އަޅުގަނޑުމެން މި ޓްރެއިނިންގ ކޭމްޕްއެއް ވީމަ އަޅުގަނޑުމެން މި މެއިން ޓާގެޓަށް އެޗީވްވާން ކުރަން ބޭނުންވާ ކަންތައް ކުރަން އަސްލު ބޭނުންވީ. ދެން ތައިލެންޑަކީ އަޅުގަނޑުމެންނާއި އަޅާ ބަލާއިރު، ވަރލްޑް ރޭންކިން ވިޔަސް ކުޅުމުގެ ސްޓައިލް ވިޔަސް ވަރަށް ތަފާތު ޓީމެއް. ދެން އަލަށް އަޅުގަނޑުމެން މިހާ ތަފާތު ސްޓައިލެއްގެ ޓީމަކާއި ކުޅުނީމި. މުޅިންވެސް އަޅުގަނޑުމެން ރީޖަން ވެއްޖީޔާމު އެއްގޮތަކަށް މި ކުޅެނީ". ޤުރައިޝް ބުންޏެވެ.

ރާއްޖެއިން ބޭރުގައި ކޭމްޕް ނުކުރާތާ 4 އަހަރަށްވުރެއް ގިނަ ދުވަސް ފަހުން ޤައުމީ އަންހެން ޓީމު ތައިލެންޑްގައި ކޭމްޕްކޮށް ޓްރެއިނިން ހަދަމުން އަންނައިރު، މި ޓްރެއިނިންގ ކޭމްޕަށްފަހު ސައުތް އޭޝިއަން ގޭމްސްގެ ކުރިން އަދި ޗައިނާގައި ޤައުމީ އަންހެން އަދި ފިރިހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕް ކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.