ވިޔަފާރި

ކުންފުނިތައް ބަނގުރޫޓުވަނީ އެކަށީގެންވާ ފައިނޭންސް ނުލިބޭތީ - މަސީ


ކޮންސްޓްރަކްޝަން ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތައް ބަނގުރޫޓުވާން މެދުވެރިވަނީ އެކުންފުނިތަކަށް އެކަށީގެންވާ ފައިނޭންސް ނުލިބުމުގެ ސަބަބުންކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަރކްޝަން އިންޑަސްޓްރީ، މަސީއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަސީގެ ބޯޑް މެމްބަރު ޙަސަން ޝަމީމް ވިދާޅުވީ ކޮންސްޓަރކްޝަން ސިނާޢަތުގައި ކުދި ކުންފުނިތަކަށް ކުރިއެރުމަށް ގިނަ ދަތިތަކާއި ކުރިމަތިވާކަމަށެވެ. އެގޮތުން ޕްރޮޖެކްޓުތައް ކުރިއަށްގެންދިއުމަށް އެކަށީގެންވާ ފައިސާ ނުހުރުމާއި ބޭންކުތަކުން ލޯނު ހޯދުމުގައިވެސް ކުދި ކުންފުނިތަކަށް ދަތިތަކާއި ކުރިމަތިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

"ކުދި ކުންފުންޏެއް ވެއްޖެއްޔާ ބޭންކަކުން ލޯން ނަގާކަށް އެވަގުތަކު އެސެޓެއް ނުހުންނާނެ. އެހެންވީމަ، ކުދި ކުންފުނިތަކަށް ވަނުން ތަންކޮޅެއް ދަތިކޮށް މި އޮންނަނީ. އެހެންކަމުން، ހަދާ ޕްރޮޖެކްޓްތަކަށް ފައިނޭންސެއް އެ ކަނޑައަޅާފައި އިންނަ ވަގުތަކަށް ނުލިބޭ. ކޮންމެ ގޮތެއްވިޔަސް ސަޕްލައިޔަރަށް މިހުންނަނީ ވަކި ޓައިމެއްގައި ޗެކްތައް ދީފައި. މީގެ ސަބަބުން ކުންފުނިތައް ކުރިނާރާ ބައެއްފަހަރު ބަނގުރޫޓުވުމަށްވެސް މެދުވެރިވޭ. " ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ ބައެއް ޕްރޮޖެކްޓްތައް ހިންގުމަށް ބޮޑެތި ކުންފުނިތަކާއި ހަވާލުކުރުމަކީ މި ކުންފުނިތައް ކުރިއެރުމުގައި ދިމާވާ ބޮޑު ހުރަހެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. މިކަން ހައްލުކުރުމަށްޓަކައި ވަކި ޢަދަދަކަށްވުރެ ކުޑަ މަޝްރޫޢުތައް ބޮޑެތި ކުންފުނިތަކާއި ހަވާލުނުކޮށް ކުދި ކުންފުނިތަކާއި ހަވާލުކުރަންޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކެނީ ސަރުކާރުގެ ބައެއް ޕްރޮޖެކްޓްސްތަކުގައި ބޮޑެތި ކުންފުނިތަކަށް ވަކި ވަރަކަށް ވުރެ ކުޑަ ޕްރޮޖެކްޓްސްތަކެއްގައި ބައިވެރި ނުކުރެވޭގޮތް ހެދުން. މިސާލަކަށް 1 މިލިއަން 2 މިލިއަން ގެ ޕްރޮޖެކްޓްތައް، ގްރޭޑް 1 ގަ މިކިޔާ ޕްރޮޖެކްޓްތަކަށް ބޮޑެތި ކުންފުނިތަކުން ބައިވެރިނުކުރެވޭ ގޮތް ހަދަންޖެހޭ." ޝަމީމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރުޢުތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް ހެދުމަށްޓަކައި ޓެންޑަރ ޕްރޮސެސްއަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިމަސައްކަތް މިމަހުގެ ތެރޭގައި ނިންމައި ދިވެހި ކުންފުނިތަކަށް ރާއްޖޭގައި ކުރެވޭ ވަކި ޕްރޮޖެކްޓްތައް ޚާއްސަކޮށް ޓެންޑަރިން ޕްރޮސަސްއަށް ބަދަލު ގެނެވޭނެކަމަށެވެ.