ޚަބަރު

200އަށް ވުރެ ގިނަ ސައިކަލް ޕާކުކުރެވޭގޮތަށް ސޯސަން މަގުގައި އިތުރު ޕާކިންގ ޒޯނެއް


200އަށް ވުރެ ގިނަ ސައިކަލް ޕާކުކުރެވޭނެ އިންތިޒާމާއެކު ސޯސަންމަގުގައި އިތުރު ޕަކިންގ ޒޯނެއް ހުޅުވައިފިއެވެ. މިޕަކިންގ ޒޯނާއެކު ގުލޭނޫރަންމަގާ ހަމައިން ފެށިގެން މަޖީދީމަގާއި ހަމައަށް މަގުމަތީގައި ޕާކުނުކުރެވޭނެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޒަމީރު ވިދާޅުވީ ސޯސަންމަގުގައި ކުރީގެ ނާސަރީ ހުރި ބިމުގައި ޕާކިންގ ޒޯނެއް ތަރައްޤީކޮށް މިއަދު ހުޅުވާފައިވާކަމަށެވެ. އަދި އެތަނުގައި އެއްފަހަރާ 279 ސައިކަލް ޕަކުކުރެވޭނެކަމަށް ޒަމީރު ވިދާޅުވިއެވެ. މާލޭގެ އެކި ސަރަޙާއްދުތަކުގައި ހަދަމުން އަންނަ ޕާކިންގ ޒޯންތަކަކީ މާލެ ސިޓީއަށް ދިމަވެފައިވާ ޕާކިންގ މައްސަލައާއި މަގުތަކުގެ ޓްރެފިކް ތޮއްޖެހި މަގުތަކުގެ ބާރު ބޮޑުވުމުގެ މައްސަލައަށް ހޯދާ ވަގުތީ ޙައްލެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިއީ މިމައްސަލަތަކަށް އޮތް ދާއިމީ ޙައްލު ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާލޭގެ ޕާކިންގއަށް އޮތް މައްސަލައަށް އޮތް ދާއިމީ ޙައްލަކީ ޕާކިންގ ބިލްޑިންގ ހެދުންކަމަށާއި އެމަސައްކަތްތައް ކުރިއަށްދާކަމަށް ޒަމީރު ވިދާޅުވިއެވެ. ސޯސަން މަގުގައި އަލަށް ހެދި ޕާކިންގ ޒޯންގެ ސަބަބުން މަޖީދީ މަގާއި ސޯސަންމަގު ހިމެނޭ ސަރަޙައްދުގެ ޓްރެފިކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި މި ޕާކިންގ ޒޯނާއެކު ގުލޭނޫރަންމަގާ ހަމައިން ފެށިގެން މަޖީދީމަގާއި ހަމައަށް މަގުމަތީގައި ޕާކުކުރުންވަނީ މަނާކޮށްފައެވެ.

އަދި މަޖީދީ މަގުގެ ޕިއްޒާބޯނާ ހިމެނޭ ސަރަޙައްދުގައިވެސް ޕާކު ނުކުރެވޭނެ ގޮތަށް ހެދުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެގޮތަށް ހެދޭނީ އަލަށް ހެދި ޕާކިންގ ޒޯނުގެ ސަބަބުން އަންނަ ބަދަލުތަކަށް ބެލުމަށްފަހުކަމަށް ޒަމީރު ވިދާޅުވިއެވެ.

މާލޭގެ ޕަބްލިކް ޓްރާންސްޕޯޓު ފެށުމަށް ތައްޔާރުވަމުން އަންނައިރު މަޖީދީ މަގުފަދަ ބޮޑެތި މަގުތަކުގައި މީނީ ބަސްތަކަށް ދެކޮޅަށް ދުއްވޭނެ ފަދަ އިންތިޒާމުތައް ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އެކި ސަރަޙައްދުތަކުގައި ޕާކިންގ ޒޯންތައް ތަރައްޤީކޮށް މަޖީދީ މަގާއި އަމީނީ މަގުގައި ޕަކު ނުކުރެވޭ ގޮތްވަނީ ހަދާފައެވެ.