އދ. އަތޮޅުގައި ޑެންގީ އަށް ސަމާލުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އދ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.އދ އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގެ އެސިސްޓެންޓް ކޮމިޔުނިޓީ އޮފިސަރ އަޒުލިފާ މުޙައްމަދު ވިދާޅުވީ އަތިރިމަތީގެ ސަރަޙައްދުގައި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ހުރިތޯ ބަލާ އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ހޮސްޕިޓަލުގެ މުވައްޒަފުން ނުކުމެ ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުން މިކަމަށް ސަމާލުކުރުވުމަށް އިޢުލާންކުރުމުގެ އިތުރުން، މަދިރި މަދުކުރުމަށް ޕްރޮގްރާމްތައް އަހަރުގެ އެކި ދުވަސްވަރު ހިންގާފައިވާނެ ކަމަށާއި މިހާރުވެސް އެފަދަ ކަންކަން ކުރިޔަށް ގެންދާ ކަމަށެވެ.ޕަބްލިކް ހެލްތު ޔުނިޓުން ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކާއި ހެލްތު ޕޯސްޓްތައް މިކަމަށް ތައްޔާރުކުރުވާ މިކަމާބެހޭ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ކޮންމެ ދުވަހަކު ބަލަމުންދާ ކަމަށެވެ.އދ. އަތޮޅު ކައުންސިލުގެ އިސްނެގުމާއެކު ސަރުކާރުގެ ހުރިހާ މުއައްސަސާތަށް ހިމެނޭގޮތުން ބައްދަލުވުމެއްބާއްވަވާ ޓާސްކްފޯހެއްވެސް އެއަތޮޅުގައި ވަނީ އެކުލަވާާލާފައެވެ.އދ، އަތޮޅުގެ ރަށަކުން ހުންއައިސްގެން އަތޮޅު ހޮސްޕިޓަލަށް ގެނައި ކުޑަކުއްޖަކު ޑެންގީހުންކަމަށް ޝައްކުކުރެވިގެން އިއްޔެ މެންދުރުގެ ވަގުތެއްގައި އެކުއްޖާ މާލެ ފޮނުވާލާފައިވާ ކަމަށްވެސް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.