ޚަބަރު

އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޮޑެތި އެހީތައް ވަނީ ހަމަޖެހިފައި - ޑރ. ޙުސައިން


އިޢާދަކުރަނިވި ޙަކަތަ އުފައްދާ މިންވަރު އިތުރުކޮށް ޙަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދަކުޑަކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް ބޮޑެތި އެހީތައް ބައިނަލްއަޤުވާމީ ފަންޑުތަކުން ހަމަޖެހިފާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ އެކި ފަންޑުތަކުގެ އެހީގައި މިހާތަނަށް އިޢާދަކުރަނިވި ޙަކަތަ އުފައްދާ މިންވަރު އިތުރުކޮށް ޙަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދަކުޑަކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް 10 މިލިއަން ޑޮލަރާއި 5 މިލިއަން ޔޫރޯ ލިބިފައިވާކަމަށެވެ. އަދި މިކަމަށް އިތުރު 16 މިލިއަން ޑޮލަރު މިއަހަރުތެރޭގައި ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 100 މިލިއަން ޑޮލަރު އިޔާދަކުރަނިވި ޙަކަތައަށް ހޭދަކުރުމަށްވަނީ ކަނޑައަޅާފައެވެ.

ހއ، ށ އަދި ނ، އަތޮޅުގެ ރަށްތަކުގައި ކަރަންޓު ބޭނުންކުރާ ގަޑިތަކުގެ ޕީކްލޯޑުގެ %70އާ އެއްވަރަށް ސޯލާއިން ޙަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ލިބިފައިވާކަން އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ހަމައެއާއެކު އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ޅ.ހިންނަވަރު އަދި ގދ.ތިނަދޫގައި 21 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި މިހާރު ބީލަމަށް ހުޅުވާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ތައްޔާރުވެފައެވެ. ހަމައެއާއެކު މާލޭ ރިންގ ރޯޑުގައި 5 މެގަ ވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ޤައިމުކުރުމަށް މިހާރުވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

40 ރަށެއްގައި އިރުގެ އަލިން ޙަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް އެރަށްރަށުގެ ކަރަންޓުގެ ވިއުގައާ ގުޅާލުމުގެ މަސައްކަތަކީ ހަކަތައިގެ ދާއިރާއިން ކުރެވުނު ބޮޑު މަސައްކަތެއްގެ ގޮތުގައި އެންވަޔަރަމަންޓ މިނިސްޓްރީން ފާހަގަކުރައްވައެވެ.

ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ހޭދަކުރަނީ ޙަކަތަ އުފެއްދުމަށްޓަކައި ބޭނުންވާ ތެޔޮ އެތެރެކުރުމަށްކަމަށް ކަމާ ބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން ކަރަންޓު ބިލުގެ އެކި ބޭންޑުތަކުން ސަބްސިޑީ ދިނުމަށްވެސް ސަރުކާރުން ބޮޑު ހޭދައެއް އަންނަނީ ކުރަމުންނެވެ.

އެހެންކަމުން ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ޙަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް، ގުދުރަތީ ވަޞީލަތްތަކުގެ އެހީގައި ޙަކަތަ އުފެއްދުމުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަރަންޓު ފޯރުކޮށްދިނުމެވެ.