ޖުމުލަ 106 މިލިއަން ޑޮލަރުގެ ސަރަޙައްދީ ކުނި މެނޭޖުކުރާ މަރުކަޒުގެ ސަބަބުން ދެކުނުގެ ކުނީގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މިމަރުކަޒުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފެށުމަށްވާންޖެހޭ ތައްޔާރީތައް މިހާރުއަންނަނީ ވަމުންނެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަކަމަށްވާއިރު ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރުމަށްވަނީ ބަޖެޓުގައިވަނީ ހިމަނާފައެވެ. އެގޮތުން އައްޑޫ ސިޓީގައި ޤާއިމުކުރާ ސަރަޙައްދީ ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމަށް 106 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށްވަނީ ކަނޑައާޅާފައެވެ. މިއީ ސަރުކާރުން އެކުލަވާލި ގްރީން ޓެކްސް ފަންޑުގެ ތެރެއިން އެންމެ ފުރަތަމަ ފަށާ މަޝްރޫޢުއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މިމަރުކަޒުވެގެންދާނީ ދެކުނުގެ ރަށްތަކުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމުގައެވެ. އަންނަ ޑިސެމްބަރު މަހު މިމަޝްރޫޢޫގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މީގެ ސަބަބުން ފުވައްމުލަށް އަދި ހުވަދު އަތޮޅުގެ ރަށްތަކުގެ ކުނި މިމަރުކަޒަށް ގެންދިޔުމަށްވަނީ ހަމަޖައްސާފައެވެ. މިމަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. މިމަރުކަޒުގެ މަސައްކަތް ނިމެންވާއިރަށް ފުވައްމުލަށް އަދި ހުވަދު އަތޮޅުގައި ޓްރާންސްފަރ ސްޓޭޝަންތަކެއް ޤާއިމުކުރުމަށްވެސް ވަނީ ބަޖެޓުކޮށްފައެވެ. ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ މިމަޝްރޫޢޫގެ ދަށުން އައްޑޫގައި ކުނި އަންދައިގެން 1.5 މެގަ ވޮޓްގެ ކަރަންޓު އުފެއްދުމަށްވެސް ނިންމާފައިވާކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ ރަށްރަށުގައި އެތައް އަހަރެއް ވަންދެން ބޭރުނުކުރެވި ހުރި ކުނީގެ ސަބަބުން ނިކުން ނޭދެވޭ އެކި މަސައްކަތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސިއްޙީ އަދި ތިމާވެށީގެ އިތުރު އެތައް މައްސަލައެއް މީގެ ސަބަބުން ނިކުންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވަނީ 15 މަޝްރޫއެއް ހިންގުމަށްވަނީ 212 މިލިއަން ރުފިޔާވަނީ ކަނޑައަޅަފައެވެ. މީގެ އިތުރުން ކުނި އަންދައިގެން ޙަކަތަ އުފެއްދުމަށް ބޭރުގެ ފަންޑުތަކުންވެސް ވަނީ އެހީ ލިބިފައެވެ.
ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަށް މ، ފ، ދ، ތ، އަދި ލ އަތޮޅުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މި މަރުކަޒުތައް ޤާއިމުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީޒްތައް ހަދާނިމިފައިވާކަމަށް އެންމަވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުނި ރައްކާތެރިގޮތުގައި މެނޭޖުކުރުމަށް ތިލަފުއްޓަށް ބޮޑެތި ބަދަލުތައް ގެނެސް ކުނި މެނޭޖުކުރާ ފެސިލިޓީއެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މިއާއެކު ސީއެމްޑީ ވޭސްޓް ނުވަތަ ކޮންސްޓްރަކްޝަން ކުނީގެ ގޮތުގައި ނައްތާލާ ކުނި އަލުން ބޭނުންކުރެވޭނެ އިންތިޒާމާއި ދަގަނޑުގެ ބަވަތްތައް އަލުން ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޕްލޭންކޮށްފައިވާއިރު އަންދަ ނުލެވޭ ކުނީގެ ބާވަތްތަކާއި ޕްލާސްޓިކް ރާއްޖެއިން ބޭރުކުރެވޭނެ އިންތިޒާމު ތިލަފުށީގައި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.