ކުޅިވަރު

ރޮބަޓް މޮރޭނޯ އެސިސްޓެންޓަކަށް ނުބަހައްޓާނަން: އެންރީކޭ


ސްޕޭނުގެ ކުރީގެ ކޯޗު ރޮބަޓް މޮރޭނޯ އޭނާގެ އެސިސްޓެންޓަކަށް ނުބަހައްޓާނީ އޭނާ މަކަރުހަދާފައި ވާތީ ކަމަށް މިހާރުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ސްޕޭނުގެ ކޯޗުކަމުން އެންރީކޭ މިދިޔަ ޖޫން މަހު ވަކިވީ އޭނާގެ ނުވަ އަހަރުގެ ދަރިފުޅަށް ކެންސަރު ޖެހުމުން އެކަމުގެ ހިތާމައިގައެވެ. އެއަށްފަހު ޓީމާ ހަވާލުވީ އެންރީކޭގެ އެސިސްޓެންޓް މޮރޭނޯއެވެ. ނަމަވެސް މިދިޔަ މަހު ސްޕޭނުގެ ފެޑަރޭޝަނުން ވަނީ އަލުން އެންރީކޭއަށް ކޯޗުކަންދީފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރީގެ ފޯވަޑް އަދި ފަހުން ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ކާމިޔާބު ހޯދި އެންރީކޭ ބުނީ މޮރޭނޯ އޭނާ އަށް ވަފާތެރިވުމުގެ ބަދަލުގައި މަކަރު ހަދާފައިވާ ކަމަށެވެ. މޮރޭނޯ އާއި އެންރީކޭ ވަނީ ބާސެލޯނާ އާއި ސެލްޓަވީގޯގައި ވެސް މަސައްކަތްކޮށްފައެވެ.

އެންރީކޭ ބުނީ އޭނާ މަގާމުން ވަކިވުމުން މޮރޭނޯ ކޯޗަކަށްވާން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި އެފަދަ އަޒުމަކާއެކު މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.