ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: 3ވަނަ ހޮވާ މެޗުގައި ރާއްޖެ އާއި ލަންކާގެ ކުރިމަތިލުމެއް


ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެއަށް ލަންކާއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.

ތިންވަނަ ހޮވާ މެޗުގައި ރާއްޖެއަށް ލަންކާއާ ދެކޮޅަށް ނުކުންނަން ޖެހުނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުން އިންޑިއާ އަތުން ސީދާ ތިން ސެޓުން ބަލިވުމުންނެވެ. ނޭޕާލުގެ ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް ހޯލުގައި ކުޅުނު ސެމީފައިނަލް މެޗުގެ ސެޓުތައް އިންޑިއާ އިން ގެންދިޔައީ 25-14، 25-06 އަދި 25-17 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލީޑު ވެސް ނަގާފައެވެ. ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭން ލީޑުގައި އޮއްވާ އިންޑިއާ ޓީމުން ނަތީޖާ އަނބުރާލީ 5ވަނަ ޕޮއިންޓާ ހަމައިންނެވެ. މެޗުގެ ދެވަނަ ސެޓުގައި ދިވެހި ޓީމުގެ ކުޅުން ފެނުނީ ފުރަތަމަ ސެޓަށް ވުރެ ވަރަށް ބޮޑަށް ދަށްކޮށެއެވެ. އެގޮތުން ފަސޭހަކަމާއެކު އިންޑިއާއިން މެޗުގެ ދެވަނަ ސެޓު ގެންދިޔައީ 25 ޕޮއިންޓް 6 ޕޮއިންޓުންނެއެވެ.

މެޗުގެ ފުރަތަމަ 2 ސެޓާ އަޅާބަލާއިރު، 3ވަނަ ސެޓު ފަށައިގެން ރާއްޖޭން ވަނީ ލީޑުގައި އޮވެ މޮޅު ކުޅުމެއް ދައްކާފައެވެ. ދެ ސެޓު ކާމިޔާބުކުރުމާއެކު އިންޑިއާ ޓީމުން 3ވަނަ ސެޓުގައި ފަސޭހަކޮށްލި ކަން ފާހަގަކުރެވުނެވެ. މި ސެޓުގެ ފަހު 10 ޕޮއިންޓާ ހަމައިން އިންޑިއާއިން ކުޅުން ރަނގަޅުކޮށް 25-17 އިން ސެޓު ކާމިޔާބުކޮށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރި އެވެ.

މުބާރާތުގެ އަންހެނުންގެ ވޮލީ އިވެންޓްގެ ތިންވަނަ ހޮވާ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދުރު 3:15 ގައެވެ.