ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން، މުބާރާތުގެ ފޯމެޓަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.
ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ޕީޓަރ ސެގާޓް ބުނީ، އަމިއްލަ ސަބަބަކާ ހުރެ އިންޑިއާ މުބާރާތުން ވަކިވުމުން މުބާރާތުގެ ފޯމެޓަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް އޭނާއަށް ނުވިސްނޭކަމަށެއެވެ. ސެގާޓް ބުނީ އިންޑިއާ މުބާރާތުން ވަކިވި ހިސާބުން ރާއްޖެއަށް ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވިކަމަށެވެ. ނަމަވެސް ކުއްލިއަކަށް މުބާރާތުގެ ފޯމެޓް ލީގު އުސޫލަށް ބަދަލުކޮށްލުމުން ހައިރާންވާކަމަށް ސެގާޓް ބުންޏެވެ.
ދެގުރޫޕަށް ބަހާލައިގެން ކުޅެން ކުރިން ހަމަޖެހިފައި އޮތް ފުޓްބޯޅަ އިވެންޓް ލީގު އުސޫލަށް ބަދަލުކުރުމާއެކު ރާއްޖެއަށް ކޮންމެ ދުވަހަކު މެޗެއް ކުޅެން ޖެހޭނެއެވެ. މިކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ކޯޗު ސެގާޓް ބުނީ، ޖެހިޖެހިގެން ކޮންމެ ދުވަހަކު މެޗެއް ކުޅުމަކީ ވާނޭކަމެއް ނޫންކަމަށާއި، މި މުބާރާތައް އައީ، ހަމަ ކުޅެލާފަދާން ނޫންކަމަށެއެވެ. އަދި މިއީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ ގޮތް ނޫންކަމަށާއި، ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރުވެސް މިގޮތަށް މިކަން ނުވާނެކަމަށް، ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ސެގާޓް ބުންޏެވެ.
" މި މުބާރާތުގައި އިންޑިއާއި ދެކޮޅަށް ކުޅެން ތައްޔާރުވިން. ނަމަވެސް އިންޑިއާ މުބާރާތުން ވަކިވުމުން ރާއްޖެއަށް އޭރު ސެމީ ފައިނަލުން ޖާގައެއް ކަށަވަރު. ނަމަވެސް އޭގެ ފަހުން ފޯމެޓަށް ގެނައި ބަދަލަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން. އިންޑިއާ ވަކިވީއޭ ކިޔާފަ ފޯމެޓް ބަދަލުކުރާކަށް ނުޖެހޭ. އިންޑިއާ މުބާރާތުން ވަކިވުމުން އެކަމަށް އިޙްތިރާމް ކުރަން. އެއީ އެމީހުންގެ އަމިއްލަ ސަބަބުތަކެއް ހުރުމުން." ސެގާޓް ބުންޏެވެ.
ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ސްރީ ލަންކާއާއި ދެކޮޅަށެއެވެ. އަދި ދެވަނަ މެޗުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައި ވަނީ ބަނގްލަދޭޝާއެވެ. ތިން ވަނަ މެޗަށް ޑިސެމްބަރު 5ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެއެވެ. ލީގުގައި ކުޅޭ ފަހު މެޗުގައި ޑިސެމްބަރު 6ވަނަ ދުވަހު ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެއެވެ.
ފިރިހެނުންގެ ފުޓްބޯޅަ އިވެންޓްގެ ފައިނަލުގައި ވާދަކުރާނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެއެވެ.