ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ކްރިކެޓްގެ ފުރަތަމަ މެޗުގައި ބަނގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ


13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ކްރިކެޓް އިވެންޓްގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ބަނގްލަދޭޝް އަތުން ބަލިވެއްޖެއެވެ.

ކަތުމަންޑޫގެ ޓީޔޫ ކްރިކެޓް ގްރައުންޑުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވި ނަމަވެސް މި މެޗުގެ ފުރަތަމަ އިނިންގްސްގައި ހޮވަން އަރާ ދިވެހި ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ބަނގްލަދޭޝުން ނިންމީ ކުޅެން އަރާށެއެވެ. އެގޮތުން ބަންގްލަދޭޝް ޓިމުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ވަނީ 174 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ބަނގްލަދޭޝް ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 49 ލަނޑު ހެދި ނަޖްމުލް ޙުސައިނާއި 46 ލަނޑު ހެދި ކެޕްޓަން ސޮމްޔާ ސަރްކާރެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރާ 19.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 65 ލަނޑެވެ. ރާއްޖެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ލަނޑު ހެދި ޢަލީ އީވާނާއި 10 ލަނޑު ހެދި އަޙްމަދު ހަސަނެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ކްރިކެޓް އިވެންޓް ކުރިޔަށްދަނީ ލީގު އުސޫލުންނެވެ. ޤައުމީ ކްރިކެޓް ޓީމު ކުޅޭ ދެވަނަ މެޗުގައި ޤައުމީ ކްރިކެޓް ޓީމު މިއަދު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން މެންދުރު 12:15 ގައެވެ.