ޚަބަރު

މައިކަޕް ފުޓުބޯޅަ މުބާރާތް ފެށިއްޖެ


ހއ އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ’މައިކަޕް‘ ފުޓްބޯޅަ މުބާރާތް ފެށިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ވަނީ ބައިވެރިވެފައިވެއެވެ.

މައިކަޕް ފުޓުބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު އިހަވަންދޫ ހުރަވީ ދަނޑުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަސްއަދު ޢަލީ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ވިދާޅުވީ އަންނަ އަހަރުގެ މައިކަޕް ފުޓުބޯޅަ މުބާރާތް ކުޅޭނީ ޓާފް ދަނޑެއްގައިކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޓާފް ދަނޑުގެ ސަބް ބޭސް ހަދާނެ ފަރާތެއް ހޯދުމަށް މިހާރު އިޢުލާން ކުރެވިފައިވާނެ ކަމަށާއި މިމަހުގެ 12 ވަނަ ދުވަހު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަސްއަދު ޢަލީ ވަނީ، ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިނިސްޓްރީން އިހަވަންދޫގައި ވޮލީކޯޓް އެޅުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭގޮތަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ގުރޫޕް 1 ގެ ދެޓީމު ކަމުގައިވާ ޖަންގަލް އާއި، ޔުނައިޓެޑް ޔޫތު އެވެ. މިމެޗު ނިމިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުންވެސް ކާމިޔާބު ކުރި ގޯލާއެކު 1-1 އިން އެވަރުވެގެންނެވެ. މި މެޗުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަންގަލް ޓީމުގެ ޖ.17، އިބުރާހިމް ޠާއިފެވެ.