ކުޅިވަރު

ގިނަ ކްލަބްތަކުން ބޭނުންވަނީ ދެވަނަ ބުރަށްފަހު ލީގު ނިންމާލަން: ނިޝްތާރު


ދެވަނަ ބުރުގެ މެޗުތަކަށް ފަހު ލީގު ނިންމާލުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށް ށ.ފޯކައިދޫ ފުޓްބޯޅަ ކްލަބުގެ ކޯޗު ޢަލީ ނިޝްތާރު މުހައްމަދު ބުނެފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު އީގަލްސްއާއި ދެކޮޅަށް ނިތުމުގެ ކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން ށ.ފޯކައިދޫ ޓީމުގެ ކޯޗު ޢަލީ ނިޝްތާރު ބުނީ، ލީގު މިހާރު އޮތް ޙާލަތަށް ބަލާއިރު ދެވަނަ ބުރުގެ މެޗުތަކަށް ފަހު ލީގު ނިންމާލުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށެވެ.

ފޯކައިދޫއެކޭ އެއްގޮތަށް ގިނަ ކުލަބުތަކުންވެސް ބޭނުންވަނީ މި ބުރަށްފަހު ލީގު ނިންމާލަންކަމަށް ނިޝްތާރު ބުންޏެވެ. އޭނާ ބުނީ ފޯކައިދޫއާއި ވާހަކަ ދެއްކި ގިނަ ކްލަބްތަކުގެ ހާލަތުވެސް އެހާ ރަނގަޅު ނޫންކަމަށާއި، ކުލަބުތަކަށް ފަސޭހަވޭނެގޮތަކީވެސް މިއީކަމަށެވެ.

ނިޝްތާރު ބުނީ ލީގުގެ ފޯމެޓް ކުރި އޮތް ގޮތަށް ބަދަލުކުރަން ޖެހޭކަމަށާއި، ޑިސެމްބަރ މަހު ލީގު ކުރިޔަށް ގެންދިޔުމަކީ ވަރަށް އުނދަގޫކަމެއްކަމަށެވެ.

ޓީމުތަކުގެ މާލީ ހާލަތަށް ބަލާއިރުވެސް ޑިސެމްބަރ މަހު ލީގު ކުރިޔަށްގެންދަން އުނދަގޫ ކަމަށާއި، ސަބަބަކީ އަހަރުގެ ފަހުކޮޅު އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކުގައި ކުޅެން ކުޅުންތެރިން ދިޔުންކަމަށެވެ. އަދި މުސާރަ ނުދެވޭނަމަ ކުޅުންތެރިން ހިފެހެއްޓޭނެ ގޮތެއްވެސް ނެތްކަމަށާއި، ދިވެހި ފުޓްބޯޅައިގެ ސަގާފަތް އޮންނަ ގޮތުން ބޮޑު ބަންދަކީ އަތޮޅުތަކުގައި މުބާރާތްތަކުގައި ކުޅުންތެރިން ކުޅޭ ދުވަސްވަރުކަމަށް ނިޝްތާރު ބުންޏެވެ.

ނިސްތާރު ބުނީ ބޭރުގެ ގައުމުތަކުގައި ކުރާގޮތަށް ވަކި ކަންތައްތަކެއް ކުރެވެން ނެތްކަން ގަބޫލުކުރަންޖެހޭ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފޯމެޓް ބަދަލުކުރިއިރު ވިސްނާނުލައި ބައެއް ކަންތައްތައް ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނި އެއީ ކޮންމެހެން ކުރަން ޖެހޭކަމެއް ކަންނޭންގެ މިހާރުން މިހާރަށް ހާލަތަށް ބަލާފައި. އެއީ އެންމެ ފުރަތަމަ ކަމަކީ މިއީ އަލުން ފޯމެޓް ކުރީގެ އިންގޮތަކަށް ބަދަލުކުރަން ޖެހޭ ޑިސެމްބަރ ގައި ނުވާނެ މިކަމެއް. ޙާއްސަކޮށް މިހެން އަދި މުސާރާއިގެ މައްސަލަތައް އުޅޭއިރު. ފޯކައިދޫން ވާހަކަ ދެއްކި ގިނަ ކްލަބްތަކުން ދެވަނަ ބުރަށް ފަހު ލީގު ނިންމާލަން ބޭނުންވާކަމަށް ވަނީ ބުނެފައި." ނިޝްތާރު ބުންޏެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާއަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ އޮތީ 12 މެޗުން 23 ޕޮއިންޓެވެ. ފޯކައިދޫ އޮތީ 12 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ.