ކުޅިވަރު ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރަދޭ ލިސްޓުގެ ކުރީގައި ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް ހިމެނިއްޖެއެވެ.
ގްލޯބަލް ސްޕޯޓްސް ސެލެރީސްއިން އާއްމުކުރި ލިސްޓުގައި ކުރީގައި މި އަހަރު އޮތީ ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާއެވެ. އެ ޓީމުން ކުޅުންތެރިންގެ މުސާރައަށް އަހަރަކު 12.8 މިލިއަން ޑޮލަރު ހޭދަކުރެއެވެ. މިއީ ކުރީ އަހަރާ އަޅާ ބަލާއިރު 65 މިލިއަން ޑޮލަރު މަދު އަދަދެކެއެވެ. ދެ ވަނާގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑްއެވެ. އެ ޓީމުގެ ޖުމުލަ އަކީ 11.6 މިލިއަން ޑޮލަރެއެވެ.
ލިސްޓުގެ ތިން ވަނާގައި އޮތީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއެވެ. އެ ޓީމުން ކުޅުންތެރިންގެ މުސާރަ އަށް ހޭދަކުރަނީ 10.4 މިލިއަން ޑޮލަރެއެވެ. ޔުވެންޓަސް މި ލިސްޓުގައި މީގެ ދެ އަހަރު ކުރިން އުޅުނީ ގަދަ 10އަށްވުރެ ދަށުގައެވެ. ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމާއެކު މިދިޔަ އަހަރު ލިސްޓުގެ ނުވަ ވަނަ އަށް އެ ޓީމު ކުރިއަށް ޖެހުނެއެވެ.
ގަދަ 20ގައި ދެން ހިމެނޭ ފުޓްބޯޅަ ކުލަބުތަކަކީ 12 ވަނާގައި އޮތް ފްރާންސްގެ ޕީއެސްޖީ އާއި 13 ވަނާގައި ހިމެނޭ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ.
ލިސްޓުގެ ގަދަ 30ގެ ބޮޑު ބައެއް ހިއްސާ ކުރަނީ އެމެރިކާގެ ބާސްކެޓް ބޯޅަ ލީގުގެ ޓީމުތަކެވެ. މި ޓީމުތަކަކީ ކުރިން ލިސްޓުގެ އެންމެ ކުރި ހޯދަމުން އަންނަ ޓީމުތައްވެސްމެއެވެ.
ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ބާސެލޯނާގެ ކުޅުންތެރިންގެ މުސާރަތައް ބޮޑުވުމަކީ ކުލަބު ހަރަދު ބޮޑުވެ ހިންގުމަށް މިހާރު އެޅިފައިވާ ބޮޑު ހުރަހެއެވެ. އެ ޓީމުގެ އާމްދަނީގެ 75 ޕަސެންޓް ހޭދަކުރަނީ ކުޅުންތެރިންގެ މުސާރައަށް ކަމަށް ވެސް ނޫސްތަކުން ލަފާކުރެއެވެ.