ރާއްޖޭގެ ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ސަރުކާރުންވީ ވަޢުދު ފުރިހަމަ ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރު ސަރުކާރަށް ހާސިލުކުރެވުނު ކާމިޔާބީތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސް ޕާސަން އިބްރާހީމް ހޫދު ވިދާޅުވީ، ވޭތުވެދިޔަ ހަތް އަހަރަށްފަހު ރާއްޖެއަށް ސިޔާސީ ހަމަޖެހުން އައިސްފައިވާކަމަށާއި، ރާއްޖެއަކީ މިހާރު ޑިމޮކްރެޓިކް އުސޫލުން ވެރިކަން ހިންގާ ޤާއުމެއްކަމަށެވެ. އެގޮތުން މުއައްސަސާތައްވެސް މިނިވަންކަމާއެކު ހިނގަމުންދާކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތައް ފުރިހަމައަށް ކުރިއަށްދާއިރު، ޝަރުޢީ ކޯޓުތައް ނުފޫޒެއްނެތި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މަގުފަހުވެފައިވާކަމަށް ހޫދު ވިދާޅުވިއެވެ.
"މިދިޔަ 7 އަހަރު ސިޔާސީ ހަލަބޮލިކަމުގައި ގައުމުއޮތީ. ކޯޓުތައްވެސް އޮތީ ސިޔާސީވެފައި އެހެންވީމަ އެބޭފުޅުން ގިނައިން ކުރެއްވީ ސިޔާސީ ކަންކަން. އެބޭފުޅުންގެ މަސައްކަތެއްނޫން ގިނައިން ކުރެވިގެންދިޔައީ. މިހާރު އެބޭފުޅުންނަށް އެލިބިގެންދިޔައީ އެބޭފުޅުންނަށް އައިސްހުރި ކޭސްތަކަށް އެޓެންޑްކޮށް ކޭސްލޯޑް މަޑުކުރަން.
ސިޔާސީގޮތުން ހަމަޖެހުން ލިބިގެން ދިއުމާއެކު ޖިނާޢީ އަދުލުގެ ނިޒާމަށް ފޯކަސްކުރެވިގެންދާކަމަށާއި، އެގޮތުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ހައްލުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލް މިހާރުވެސް މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ހޫދު ވިދާޅުވިއެވެ.
އަދި މިއައި ހަމަޖެހުމާއެކު ރާއްޖޭގެ ކްރައިމް ރޭޓް 50 އިންސައްތައަށް މަދުކުރެވިފައިވާކަން ހޫދު ފާހަގަކުުރެއްވިއެވެ. ކުށްކުރުން އެއްކޮށް ނުހުއްޓުވުނުކަމުގައިވީނަމަވެސް އެފަދަކަންކަން ބޮޑުތަނުން މަދުކުރެވިފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާކަމުގައި އިބްރާހީމް ހޫދު ވިދާޅުވިއެވެ.