ޚަބަރު

ވިޔަފާރި ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މިންގަނޑެއް ނެތް - ޝާހިދު


މާލޭ ވިޔަފާރި ބަނދަރުގައި ޙައްލުކުރަންޖެހޭ މުހިއްމު މައްސަލަތަކެއް އެބަހުރިކަމަށާ ދެމެހެއްޓެނިވި ގޮތެއްގައި މިމައްސަލަތަކަށް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ އެކުންފުނިން ކުރިއަށްގެންދިޔަ ސޭފްޓީ ވީކް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަފްތާއެއްގެ މުއްދަތަކަށް ކުރިއަށްގެންދިޔަ އެމްޕީއެލްގެ ސޭފްޓީ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ސޭފްޓީ ވީކްގެ ތެރެއިން މުހިއްމު ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަނީ ހަމައެކަނި އެމްޕީއެލްގެ މުވައްޒަފުން ނޫންކަމަށާ، އެހެން މުވައްސަސާތަކުގެ މުވައްޒަފުން މަސައްކަތްކުރާއިރު ބޭނުންކުރާ ސޭފްޓީ ސްޓޭންޑަރޑްސް ނުހުންނަކަން ފާހަގަކުރެވިފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ބަނދަރުގައި މަސައްކަތްކުރާ އެހެން މުވައްސަސާތަކުގެ މުވައްޒަފުން ޢަމަލުކުރާނެ ރައްކާތެރިކަމުގެ މިންގަނޑުތަކެއް ކަނޑައަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ބޯޓުފަހަރުތަކުގައި ތިބޭ މީހުން ބަނދަރު ބޭނުންކުރާއިރު ބޭނުންކުރަން ޚާއްސަ މިންގަނޑުތަކެއް ހުންނަންޖެހޭކަމަށާ އެފަދަ މިންގަނޑުތަކެއް އަދި ނެތްކަން ޝާހިދު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ބަނދަރުގެ އޮޕަރޭޝަންސްތަކަށް ބުރުއަރާ ބައެއްކަންކަންވެސް ފާހަގަކުރެވިފައިވާތީ އެކަންކަމަށް ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުންވެސް މުދާ ކްލިއާކުރަން އަންނަ އުޅަނދުތަކުގައި ތިބޭ މީހުންގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވިފައިވާއިރު ބަނދަރުގެ ބައެއް ސަރަޙައްދުތަކުގައި ހުރި ޔާޑު ލައިޓުތައް ރަނގަޅު ނޫންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ވިޔަފާރި ބަނދަރަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ނުރައްކާތެރި ޙާދިސާތައް އެންމެ ޢާއްމު އެއް ސައިޓަށްވާއިރު މިފަދަ ތަނެއްގައި ލިބޭ ގެއްލުން ވަޒަންކުރެވޭނެ ގޮތެއް އަދި ނެތްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އެގޮތުން އެކްސިޑެންޓުގެ ޙާލަތްތަކުގައި މިހާރުވެސް ރިޕޯޓު ކުރެވޭކަމަށާއި އެހެންނަމަވެސް އެކަށީގެންވާ ގޮތެއްގައި މިފަދަ މައުލޫމާތު ރައްކާތެރިކުރެވޭނެ ގޮތެއް އަދި ޕޯޓުގައި ނެތެވެ. އަދި މަސައްކަތުގައި ހުއްޓާ ލިބޭ ގެއްލުންތައް މިންކުރާނެ ގޮތްތަކެއްވެސް އެކުލަވާލަންޖެހޭކަމަށާ، ބަނދަރުގައި ހުރި މިފަދަ ގިނަ ކަންކަން ފާހަގަކުރެވިފައިވާތީ އެކަށީގެންވާ މިންގަނޑުތަކެއް އެކުލަވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.