ކުޅިވަރު

ފޭވަރިޓުންނަކީ ލިވަޕޫލް: އަންޗެލޮޓީ


އިނގިރޭސި އެފްއޭކަޕްގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު މެޗު ކާމިޔާބުކުރާނެ ކަމަށް އެންމެވެސް ގަބޫލުކުރާ ޓީމަކީ ލިވަޕޫލް ކަމަށް އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މި މެޗު ކުޅޭނީ ލިވަޕޫލްގެ އެންފީލްޑްގަ އެވެ. މެޗު އެއްވަރުވެއްޖެނަމަ އަލުން މެޗު ކުޅޭނީ އެވަޓަންގެ ދަނޑުގަ އެވެ.

ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗު އަންޗެލޮޓީ ހަވާލުވިފަހުން އެވަޓަން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މި މެޗުގެ ކުރިން އޭނާ ބުނީ ލިވަޕޫލަކީ މިވަގުތު އޮތް އެންމެ މޮޅު ޓީމު ކަމަށެވެ.

"އެމީހުންނަކީ ދުނިޔޭގެ ޗެމްޕިއަން. އެހެންވީމާ އެންމެ ފުރަތަމަ އެކަމަށްޓަކައި މަރުހަބާކިޔަން. މި މެޗަކީ ވަރަށް ހާއްސަ އަދި އަހަރުމެންނަށް ވަރަށް މުހިންމު ޗެލެންޖެއް. އިނގިރޭސި އެފްއޭކަޕަކީ ވަރަށް ތަފާތު މުބާރާތެއް. މިސާލަކަށް އިޓާލިއަން ކަޕާ އިނގިރޭސި އެފްއޭކަޕް ވަރަށް ތަފާތު. އަހަރުމެން މެޗަށް ނުކުންނާނީ މިކަންކަން ދެނެތިބިގެން މޮޅުވާން. ލިވަޕޫލް ބަލިކުރަން ފަސޭހަނުވާނެ. އެއީ ވަރަށް އިތުބާރާއެކު ކުޅޭ މޮޅު ޓީމެއް،" ޗެލްސީ އާއި ސްޕޭނުގެ ރެއާލް މެޑްރިޑް އަދި އިޓަލީގެ އޭސީމިލާނާއި ޔުވެންޓަސް އަށް ކުރިން ކޯޗުކޮށްދިން އަންޗެލޮޓީ ބުންޏެވެ.

އޭނާ ބުނީ މި މުބާރާތުގައި ހައިރާންކުރުވަނިވި ކިތަންމެ ކަމެއް މިހާތަނަށް ހިނގާފައިވާ ކަމަށާއި މިފަދަ ކަންކަމަކީ އެވަޓަން މެޗަށް ނުކުންނައިރު ސަމާލުވެ ތިބޭނެ އަދި ހިތްވަރު ހޯދާނެ ކަންކަން ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އިނގިރޭސި ނޮކްއައުޓް މުބާރާތްތަކަށް އޭނާ ސަމާލުކަން ނުދީ ކުޅެން ބޭނުންވަނީ ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ބުނާ ބުނުމަކީ ދޮގެއް ކަމަށެވެ.