ޚަބަރު

އުސްފަސްގަނޑު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްޤީކޮށް ޢާއްމުންނަށް ހުޅުވާލަނީ


އުސްފަސްގަނޑު ސަރަޙައްދު ހުސްކޮށް އެސަރަޙައްދަކީ ޢާއްމުންނާއި ކުޑަކުދިން ހިތްހަމަޖައްސާލަން ދާ ސަރަޙައްދެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ފަށައިފިއެވެ. އުސްފަސްގަނޑު ސަރަޙައްދު ބަންދުކޮށްފައިވަނީ ސިނަމާލޭ ބްރިޖު ހެދުމަށްޓަކައި 2016 ވަނަ އަހަރުގެތެރޭގައެވެ.
ރިޕޯޓު

ޕީއެސްއެމްނިއުސްއަށް މަޢުލުމާތުދެއްވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އުސްފަސްގަނޑު ސަރަޙައްދަކީ އަބަދުވެސް ކުޑަކުދިން ގޮވައިގެން ޢާއްމުންގޮސް އުޅޭ ސަރަޙައްދެއްކަމަށާއި އެހެންކަމުން މިސަރަޙައްދު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން މާލޭ ސިޓީގެ ޕްލޭންގައިވާގޮތުން އުސްފަސްގަނޑު ސަރަހައްދު ފެހިކޮށް އެސަރަޙައްދު އޯޕަން އޭރިއާއެއްގެ ގޮތުގައި ބޭއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ގުޅިގެން އަންނަނީ ކުރަމުންނެވެ. އުސްފަސްގަނޑު ސަރަޙައްދު ހުސްކޮށް ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ ކުންފުނިންގނެވެ.

އުސްފަސްގަނޑު ސަރަޙައްދު ބަންދުކޮށްފައިވަނީ ސިނަމާލޭ ބްރިޖް ހެދުމުގެ މަސައްކަތް ކުރި ޗައިނާ ކުންފުނީގެ އެކޮމޮޑޭޝަނާއި އެފަރާތުގެ އޮފީސް ގާއިމުކުރުމަށެވެ. ބްރިޖުގެ މަސައްކަތް ކުރުމަށް އުސްފަސްގަނޑާއެކު ދަރުބާރުގެއާ ހިސާބުން ފެށިގެން ފެމިލީ ކޯޓު ކުރިމަތީ ލޮނުޒިޔާރަތްކޮޅު އެއްކޮށް އޮތީ ބަންދުކޮށްފައެވެ. ބްރިޖު ޢާއްމުކޮށް ހުޅުވިތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިސަރަޙައްދު ހުސްކުރުން މިހާރުވެސް މާބޮޑަށް ލަސްވެފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިދިޔަ އަހަރުގެތެރޭގައި ލޮނުޒިޔާރަތްކޮޅު ޕާކެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާއިރު މިތަން މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން މީގެކުރިންވަނީ ވިދާޅުވެފައެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި މާލެ ހެދުމަށް އެކުލަވާލާފައިވާ މާލޭ ޕްލޭނާ އެއްގޮތަށް މާލެސިޓީ ކައުންސިލުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ޢާއްމުންނާއި ކުޑަކުދިން ހިތްހަމަޖެހިލައިގެން ކުޅެލެވޭނެފަދަ މާހައުލެއްހޯދައިދިނުމަށް މާލޭގެ އެކި ސަރަޙައްދުތައް އަންނަނީ ތަރައްޤީކުރަމުންނެވެ.