ޚަބަރު

ކެމްޕެއިނުގައި ދައުލަތުގެ ވަޞީލަތްތައް ބޭނުން ނުކުރަން - އެމްޑީޕީ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރާ ކެމްޕެއިނަށް ހިންގާ ހަރަކާތްތަކަށް އެޕާޓީން ދައުލަތުގެ ވަޞީލަތްތައް ބޭނުން ކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށާ، އެފަދަ ކަމެއް ނުކުރާކަމަށް ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އަންނަ އޭޕްރިލްމަހު ބާއްވާ ކައުންސިލް އިންތިޚާބާ ދިމާކޮށް އެމްޑީޕީން ހިންގާ ކެމްޕެއިން ޙަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު ޕްރޮގުރާމްގައި" ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު، އިބްރާހީމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މީގެކުރިންވެސް އެޕާޓީގެ ކެމްޕެއިންތަކުގައި ދައުލަތުގެ ވަޞީލަތްތައް ބޭނުން ނުކުރާކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީން ހައްދުންމައްޗަށް ކުރާ ދަތުރުގެ ޚަރަދުތައްވެސް ބަލަހައްޓަނީ ޢާއްމު މެމްބަރުންގެ އަތުން ފައިސާ ނަގައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހީމް ވަޙީދު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްޑީޕީން ކުރާ ކެމްޕެއިންގައި ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާގުޅޭ މަޢުލޫމާތުދީ ކެމްޕެއިން ކުރާނެގޮތުގެ މައުލޫމާތު ދޭކަމަށެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހީމް ވިދާޅުވީ ޕާޓީގެ ކެމްޕެއިންތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގެންނެވި ނަމަވެސް ޕާޓީން ބޭނުންކުރާނީ ޕާޓީގެ ވަސީލަތްތައްކަމަށެވެ.

ކައުންސިލް އިންތިޚާބަށްކުރާ ކެމްޕެއިންގައި އެމްޑީޕީން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ތުހްމަތުކޮށްފައެވެ.

އެހެންނަމަވެސް އަންވަރު ވިދާޅުވީ ކެމްޕެއިން ދަތުރުތަކާއި ޙަރަކާތްތައް ހިނގާގޮތް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދިއުމަށް މީޑިޔާތަކަށްވެސް ދަތުރުތަކުގައި ބައިވެރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިންތަކަށް އެމްޑީޕީން ހައްދުމައްޗަށް ކުރާ ދަތުރުގައި 11 ދާއިރާއެއްގެ 10 ރަށަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި އެންމެ އިސްކޮށް ބައިވެރިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ކުޅުދުއްފުށީގައި ބާއްވާ "އިރުވައި ކޮންފަރެންސް"ގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު، އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ބައިވެރިވަޑައިގަންނަވައެވެ. އަދި އެރޭ ބާއްވާ ބޮޑު ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވާނެކަމަށް އެމްޑީޕީން ބުނެއެވެ.