ވެލެންސިއާ އަތުން ރޭ 2-0އިން ބަލިވިއިރު ބާސެލޯނާގެ ކުޅުންތެރިން ކޯޗު ކީކޭ ސެޓިއެންގެ ރޭވުން ވަރަށް ރަނގަޅަށް ދަސްކުރަންޖެހޭ ކަމަށް ބާސެލޯނާގެ ވައިސް ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބުނެފި އެވެ.
މެޗަށް ފަހު ކޯޗު ސެޓިއެން ވެސް ބުނީ ބަލިވުމުގެ މައްސަލައަކީ ފަހަރުގައި އޭނާ ކަމަށެވެ. "އަހަރުމެންނަށް (ކޯޗުންނަށް) ފަހަރުގައި އަހަރުމެންގެ ރޭވުންތެރިކަން ރަނގަޅަށް އޮޅުން ފިލުވައިނުދެވެނީހެން ހީވަނީ. ޓީމު ރަނގަޅަށް ނުކުޅޭ. ޓެކްނިކަލީ ރަނގަޅު ކުރަންޖެހޭ ކަންކަން ވަރަށް ގިނަ. ވަރަށް ގިނަ ތާކުންތާކު ނުޖެހޭ ޕާސްތައްގިނަ،" ސެޓިއެން މެޗަށް ފަހު ބުންޏެވެ.
މި މެޗުން ބަލިވުމުން ބާސެލޯނާއަށް ވަނީ ވަރަށް ގިނަ ފާޑުކިއުން އަމާޒުވެފަ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނަނީ ސީޒަނުގެ މެދުތެރެއިން ކޯޝު ބަދަލުކުރި ނަމަވެސް ބާސެލޯނާގައި އެއްވެސް ކަމެއް ރަނގަޅު ނުވާ ކަމަށެވެ. މި މެޗުން ބަލިވުމުން ބާސެލޯނާ އަށް ވަނީ ޓޭބަލުގެ އެއްވަނަ މަގާމު ގެއްލިފަ އެވެ. ޖުމުލަ 100 ދުވަހަށް ފަހު ވާދަވެރި ރެއާލް މެޑްރިޑް އެއްވަނާގައި ހަމަޖެހިލީ ތިން ޕޮއިންޓްގެ ލީޑަކާއެކުގަ އެވެ.
ބާސެލޯނާއިން ވަނީ އަނިޔާގެ ސަބަބުން މުހިންމު ފޯވަޑޫންތަކަކަށް ނުކުޅެވޭތީވެ ފޯވަޑަކު ހޯދުމަށް ވެސް ކުރިއަށްވުރެ ބޮޑަށް މަސައްކަތް ފަށާފަ އެވެ. މި ގޮތުން އެޓީމުން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ވެލެންސިއާގެ ފޯވަޑް ރޮޑްރީގޯ އެވެ. ނަމަވެސް އޭނާ ގަތުމަށް ބާސެލޯނާ ކިޔާ އަގާމެދު ވެލެންސިއާއިން ހިތްހަމަނުޖެހޭތީވެ މިކަމުގައި އަދި ކުރިއެރުމެއްނުލިބެ އެވެ.