ޚަބަރު

ސިއްރު ހެކިބަހާ ގުޅޭގޮތުން ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަނީ


ހެއްކާބެހޭ ޤާނޫނުގައި ސިއްރު ހެކިބަސް ނެގޭނެގޮތް ބަޔާންކޮށްފައިނުވާތީ ޤާނޫނުލްއުޤޫބާތާ ޙަވާލާދީ ސިއްރު ހެކިބަސް ނުނެގޭނެކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލްކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށައަޅުއްވަން ޕްރޮސެކިއުޓާ ޖެނަރަލް ނިންމަވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވިދާޅުވިގޮތުން ސުޕްރީމް ކޯޓަށް ހުށައަޅަން ނިންމަވާފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސް އެޅުމުގެ ދަޢުވާގެ ހުކުމުގައި ސިއްރު ހެކިބަސް ނެގުމާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާ ބަޔެވެ.

ޢަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާޠިލްކޮށް ނެރުނު ހުކުމުގައި އެކޯޓުން ކަނޑައަޅާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައިވާ ފަދައިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ކާކުކަން ނޭނގޭގޮތަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށްވާއިރު ސިއްރު ހެކިބަސް ނަގާނެ ގޮތްތައް އެޤާނޫނުގައި ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެން ކަމުން އެމައްސަލާގައި ސިއްރު ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށްކަމުގައި ބެލެވެން ނެތްކަމަށްވެސް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

ނަމަވެސް މީގެކުރިން ކްރިމިނަލް ކޯޓުންވަނީ މީގެކުރިން ގިނަ މައްސަލަތަކެއްގައި ސިއްރު ހެކިބަސް ނަގާފައެވެ.