މުޅި މެޗު ކޮންޓްރޯލްކޮށްގެން ނުކުޅެވުނަސް ބޭނުންވި ކަންތައް ހާސިލްވުމުން ހިތްހަމަޖެހޭކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި.
ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ބައްދަލުކުރި މެޗު އީގަލްސްއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އީގަލްސްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ރިޒުވާން އަދި ޓޮޝީކީ އޮކަމޯޓޯއެވެ. މި މެޗުން މޮޅުވުމާއެކު އީގަލްސްއަށްވަނީ ލީގުގެ ދެވަނަ މަޤާމް ކަށަވަރުވެފައެވެ.
މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، ޖުމްލަކޮށް ބަލާނަމަ މެޗުގައި ހާސިލްކުރަން ބޭނުންވި ކަންތައް ހާސިލްވެއްޖެކަމަށެވެ. މޯހަން ބުނީ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅެ 2 ލަނޑުގެ ލީޑެއްގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ނަމަވެސް ދެވަނަ ހާފުގައި އީގަލްސްއަތުން މެޗުގެ ކޮންޓްރޯލް ގެއްލިގެން ދިޔަކަމަށެވެ.
މޯހަން ބުނީ ފުރަތަމަ ހާފުގައި ކުޅުންތެރިން މާ ބޮޑަށް މަސައްކަތް ކުރުމުން ދެވަނަ ހާފުގައި އުނދަގޫތަކެއް ދިމާވިކަމަށެވެ. އަދި ޓީމުގެ ޑިފެންޑަރުން ވަރަށް ރަނގަޅަށް ޑިފެންޑްކޮށް އިދިކޮޅު ޓީމަށް ލަނޑެއް ޖަހާނެ ފުރުޞަތެއް ނުދީ މެޗު ނިންމާލެވުމުން ހިތްހަމަޖެހޭކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ މުޅި ލީގަށް ބަލާނަމަ ނަތީޖާއާއި ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ، މި މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި އަދި ނަތީޖާއާއި ދޭތެރޭ އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭކަމަށެވެ. އިންމަ ބުނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މަދު ފުރުޞަތުތަކެއް ލިބުނުނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ނުކުރެވުނުކަމަށެވެ.