ވިޔަފާރި

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކޮށްފާނެ އަސަރުތައް ދަނީ ގާތުން ބަލަމުން


ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން ބަލަމުންދާކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން ނެރުނު ބަޔާނެއްގައި ބުނީ ކޮންޓްރޯލެއް ނެތި ކޮރޯނާވައިރަސް ފެތުރެން ފަށައިފިނަމަ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނޭކަމަށެވެ. އެގޮތުން މި ވައިރަސް ކޮންޓްރޯލް ނުވެ ފެތުރޭނަމަ ދުނިޔޭގެ އިޤްތިޞާދު ކުރިއަރާ މިންވަރު 1 އިންސައްތައާއި 10 އިންސައްތައާ ދޭތެރޭގެ މިންވަރަށް ދަށަށްދާނެކަމަށެވެ.

އެހެންކަމުން ހުރިހާ ޤައުމަކުންވެސް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ވޯލްޑް ބެންކުގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. އަދި ޗައިނާގެ އިޤްތިޞާދަށްކޮށްފާނެ އަސަރުތަކުން އަރައިގަތުމަށް ޗައިނާއިން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ވޯލްޑް ބެންކުގެ ބަޔާނުގައިވެއެވެ.

ވޯލްޑް ބެންކުން ނެރުނު ބަޔާނުގައި ކޮރޯނާވައިރަސްއިން ސަލާމަތްވުމަށް ހުރިހާ ޤައުމަކުން ގުޅިގެން ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށާއި އެކަމަށްޓަކައި ބޭނުންވާ އެހީތެރިކަން ވޯލްޑް ބެންކުންވެސް ފޯރުކޮށްދޭނެކަމަށް ބުނެފައިވެއެވެ. މިގޮތުން ޤައުމުތަކުގެ ސިއްހީ ނިޒާމްތައް ހަރުދަނާކޮށް، ކޮންމެފަދަ ހާލަތަކަށްވެސް ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ތައްޔާރުވެ ތިބެންޖެހޭކަމަށް ވޯލްޑް ބެންކުގެ ބަޔާނުގައިވެއެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ކޮރޯނާވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމަށް ކޮންމެހެންވެސް މުހިއްމުކަމެއްކަމަށް ވޯލްޑް ބެންކުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބެންކުގެ ބަޔާނުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު މަޝްވަރާކުރަމުންދާކަމަށް ބުނެފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ވާހަކަ ދައްކަމުންދާކަމަށްވެސް ވޯލްޑް ބެންކުގެ ބަޔާނުގައިވެއެވެ.

ޗައިނާގެ ޑިސެމްބަރުމަހު ފެތުރެން ފެށި ކޮރޯނާވައިރަސް 20 ހާހަށްވުރެ ގިނަ މީހުންގެ ގައިން ފެނިފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 400 އަށްވުރެ އިތުރުވެފައެވެ. ތަޖުރިބާކާރުން ލަފާކުރާގޮތުން ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއަށް އިޤްތިޞާދީގޮތުން ގެއްލުންތަކެއް ކުރިމަތިވެ، ދުނިޔޭގެ އިޤްތިޞާދަށްވެސް އޭގެ އަސަރުކުރާނެއެވެ.