ދިވެހި ޕްރިމިއަރ ލީގުގައި މިފަހުން މޮޅު ކުޅުމެއް ދެއްކި ޓީސީ ސްޕޯޓްސް ކްލަބުގެ އިޝާން އިބްރާހިމް އާއި އިސްމާއިލް އީސަ އަދި ކްލަބް ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރުއަށް ޤައުމީ ޓީމުން ފުރުޞަތު ދީފިއެވެ.
އެފްއޭއެމްއިން ފުރަތަމަ ކްލަބްތަކަށް ފޮނުވި ލިސްޓްގައި ޓީސީގެ ދެ ކުޅުންތެރިންކަމަށްވާ އިޝާން އިބްރާހިމް އާއި އިސްމާއިލް އީސަ އަދި ގްރީން ސްޓްރީޓްސް މުހައްމަދު އުމެއިރު ހިމަނާފެއް ނުވެއެވެ. އޭގެ ސަބަބުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ. ސަބަބަކީ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އުމުރަށް ނުބަލާނެކަމަށާއި، މޮޅަށް ކުޅޭނަމަ ސްކޮޑުން ޖާގަ ދޭނެ ކަމަށް މާޓިން ކޫޕްމަން ބުނެފައިވާތީއެވެ.
މި ތިން ކުޅުންތެރިންގެ އިތުރުން މިފަހަރު ޤައުމީ ސްކޮޑުން ފުރުޞަތު ލިބުނު ކުޅުންތެރިންނަކީ އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އާއި ޓީސީގެ އަހުމަދު ރިލްވާން (ބެން)ގެ އިތުރުން ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އަހުނަފް ރަޝީދު އެވެ. އަދި ގިނަ ދުވަސްތަކަކަށްފަހު ކްލަބް ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އާރިފްވެސް ވަނީ މިފަހަރުގެ ސްކޮޑުން ފުރުޞަތު ދީފައެވެ.
އެނގިފައިވާ ގޮތުގައި އިިސްމާއިލް އީސަ އާއި އިޝާން އިބްރާހިމް ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ ވައިބަރ ގްރޫޕަށްވެސް މިހާރު ވައްދާފައެވެ. އަދި މިއީ ބ.އޭދަފުއްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓު) ޤައުމީ ޓިމަށް ނެގި ފުރަތަމަ ފަހަރެއެވެ.
ކޫޕްމަން ހަވާލުވި ފަހުން މިއަދު ފުރަތަމަ ފަހަރަށް ޤައުމީ ޓީމު ފަރިތަކުރުންތައް ފަށާފައިވާއިރު، އަލަށް މި ނެގި 3 ކުޅުންތެރިން ދެން އޮންނަ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށްބެލެވެއެވެ.
ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށާއި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗަށެވެ.