ތަޢުލީމު

ސްޓޫޑެންޓް ލޯނަށް މިހާތަނަށް 350 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވޭ - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯން ސްކީމަށް މިހާތަނަށް 350 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ސްޓޫޑެންޓް ލޯން ސްކީމުގެ އުޞޫލުތަކަށް ގެނެވުނު ބަދަލުތަކާއެކު، ކުރިއަށްވުރެ ފަސޭހައިން ދަރިވަރުންނަށް މި ލޯނަށް ކުރިމަތިލެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ.

ސްޓޫޑެންޓް ލޯން ސްކީމުގެ ފުރަތަމަ ބުރުގައި 550 ދަރިވަރުންނަށް ލޯނު ދޫކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. ސްޓޫޑެންޓް ލޯން ސްކީމާއި ގުޅޭގޮތުން ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމަށް މިދިޔަ ޖެނުއަރީމަހު ފުރުޞަތު ހުޅުވާލުމާއެކު އެކަށީގެންވާވަރުގެ ތަރުޙީބެއް ދަރިވަރުންގެ ފަރާތުން ލިބެމުންދާކަމަށެވެ. އެގޮތުން އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 350 އަށްވުރެ ގިނަ ދަރިވަރުން މިނިސްޓްރީއަށް ފޯމް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ލޯން ސްކީމަށް ކުރިމަތިލުމުގައި މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާ ޕޯޓަލްގެ ކަންކަން ކުރިއަށްވުރެ ހަރުދަނާކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"އެންމެފަހުން ހުޅުވާލި ސްޓޫޑެންޓް ލޯނު ސްކީމުގެ ތެރެއިން ޕޯޓަލަށް އެކްސެސްވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި. ސާރވާގައި މައްސަލައެއް އުޅުނު. އެއީ ބާރު ބޮޑުވެގެންވީކަމެއް. އެން.ސީ.އައި.ޓީން މިފަހަރު ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވޭ އެކަހަލަ މައްސަލައެއް ކުރިމަތިނުވާނެހެން މިކަން ރޭވޭތޯ. އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށްވުރެ މިފަހަރު އެ މައްސަލަ ރަނގަޅުވާނެކަމަށް. މީގަ ވިސްނަންވީ އެންމެފަހު ވަގުތަށް މަޑުނުކޮށް، އެޕްލިކޭޝަންގެ ކަންކަން ވީހާވެސް އަވަހަށް ފުރިހަމަކުރުމަށް" ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ކުރީ އަހަރުތަކެކޭ އެއްފަދައިިން މިއަހަރުގެ ލޯނު ސްކީމުގެ ތެރެއިންވެސް ޚާއްސަ ދާއިރާތަކަކުން ސްލޮޓުތައް ރިޒާރވްކޮށްފައިވާކަމަށެވެ. އަދި އެ ސްލޮޓުތައް ކަނޑައަޅާފައިވަނީ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ ޓްރެއިނިންގ ނީޑް އެނާލިސިސްގެ ހޯދުންތަކާއި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ރިޢާޔަތްކުރުމަށްފަހުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަން އަދި މެޑިކަލްގެ ދާއިރާއިން ޚާއްސަ ސްލޮޓުތަކެއް ކަނޑައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިފަހަރު އަޅުގަނޑުމެން ޕޯސްޓް ގްރެޖުއޭޓް ފެންވަރުގައި މެޑިކަލް ސްޕެޝަލައިޒޭޝަންގެ ދާއިރާއިންވެސް 11 ސްލޮޓް އިންނާނެ ރިޒާރވްކޮށްފައި. މިއީ ރާއްޖޭގައި މީހުން ބިނާކުރުމަށް ވަރަށް ބޭނުން ޖެހިފައިވާ ދާއިރާއެއް. އަދި މީހުން ބިނާކުރުމަށް ފުރުޞަތުވެސް ވަރަށް މަދުން ލިބޭ ދާއިރާއެއް. އެހެންވީމަ އެކި މެޑިކަލް ކޮލެޖަކުން ސީޓެއް ހޯދާ ދަރިވަރަކަށް އަޅުގަނޑުމެން ލޯނު ދިނުމުގައި އިސްކަންދޭކަހަލަ ގޮތަކަށް ހަމަޖެހިފައިވަނީ" ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯން ސްކީމުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޯނު ދޫކުރުމުގެ އުޞޫލަށް ހަޔަރ އެޑިއުކޭޝަނުން ދާދިފަހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަލަށް އެކުލަވާލާފައިވާ އުޞޫލުގެ ދަށުން މާލީގޮތުން ފުދުންތެރިކަން ނެތް ފަރާތްތަކަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިހާރުވެސް ލޯނު ނަގައިގެން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކިޔެވުން ފުރިހަމަ ނުކުރާ ދަރިވަރުންނަށްވެސް އަލުން ލޯނަށް ކުރިމަތިލެވޭނެކަމަށާއި، ލޯނަށް ކުރިމަތިލާއިރު ހުށަހަޅާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަން ނުޖެހޭގޮތަށް އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ.

މީގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާގެ މެމްބަރުންނަށް އެ ދިރިއުޅޭ ޤައުމަކުން މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާނަމަ އެފަރާތްތަކަށްވެސް މި ލޯނަށް ކުރިމަތިލެވޭނެކަމަށާއި، ވީހާވެސް ގިނަ ބަޔަކަށް ލޯނުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިންތިޚާބީ ކޮންމެ ދާއިރާއަކުން އެއް ސްލޮޓު ރިޒަރވްކޮށްފައިވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.