ޚަބަރު

ބަލި ޖެހޭ މީހުންގެ އަދަދުވަނީ ހަލުވިކަމާއެކު އިތުރުވެފަ: ޓެޑްރޮސް


ކޯވިޑް-19 ފެތުރޭ ހަލުވި މިންވަރާމެދު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗުއޯއިން ކަންބޮޑުވުން ފާާޅުކޮށްފިއެވެ.

ފާއިތުވީ ފަސް ހަފުތާގެ ތެރޭގައި ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު ހަލުވިކަމާއެކު އިތުރުވެފައިވާކަމަށް އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދޮނަމް ގެބްރިއޭސުސް ވިދާޅުވިއެވެ. އަދި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ދެގުނައަށް އިތުރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ އަސަރު މިހާރުވަނީ ދުނިޔޭގެ 205 ޤައުމަކާއި ސަރަޙައްދަކަށް ކޮށްފައެވެ. އެވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 937،000އަށްވުރެ މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 47،000އަށް އިތުރުވެފައެވެ. ކުރިޔަށް އޮތް ދެތިން ދުވަހު ވައިރަސް ޖެހޭ މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް ގޮސް މަރުވާ މީހުންގެ ޢަދަދު 50،000އަށްވުރެ މައްޗަށް އަރާނެކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.

އެންމެ ހަލުވިކަމާއެކު ކޯވިޑް-19 މިހާރު ފެތުރެނީ އެމެރިކާގައެވެ. އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދުވަނީ 215،000އަށްވުރެ މައްޗަށް އަރާފައެވެ. އަދި ވައިރަސް ޖެހިގެން އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 5،000އަށްވުރެ އިތުރުވެފައެވެ.

ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް މަރުވީ އިޓަލީވިލާތުގައެވެ. އެޤައުމުގެ 100،000އަށްވުރެ ގިނަ މީހުންނަށްވަނީ ވައިރަސް ޖެހިފައެވެ. އަދި ވައިރަހުގެ ސަބަބުން 13،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.