ޚަބަރު

ތިލަފުއްޓާއި ގުޅީފަޅުގެ ބިމު ކުލިންވެސް ވިޔަފާރިވެރިންނަށް ލުއިތަކެއް


ތިލަފުއްޓާއި ގުޅީފަޅުން ބިމާއި އެޕަރޓްމަންޓް ކުއްޔަށް ހިފާފައިވާ ކުންފުނިންތަކުގެ ކުލި ކުރިއަށްއޮތް ތިން މަހަށް ކުޑަކުރުމަށް ނިންމައިފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފައިވަނީ އެ ކުންފުނީގެ ދަށުން ހިންގާ ތިލަފުއްޓާއި ގުޅީފަޅުން ކުއްޔަށްދީފައިވާ ބިންތަކާއި އެޕަރޓްމަންޓްތަކުގެ ކުލިން ކުރިއަށްއޮތް ތިންމަހުގެ ކުލި %30އަށް އުނިކުރަން ނިންމާފައިވާކަމަށެވެ.

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއީ ދުނިޔޭގައި މިވަގުތު ޙަލުއިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ލިބެމުންދާ ހީނަރުކަން ކުޑަކުރުމަށް އެޅި ފިޔަވަޅެއްކަމަށެވެ. ކުލީގެ %30 އުނިކުރުމަށް ނިންމާފައިވަނީ އޭޕްރިލް، މޭ އަދި ޖޫންމަހުގެ ކުލިންނެވެ.

ތިލަފުއްޓަކީ މިސަރަޙައްދުގައި ކުރާ އިންޑަސްޓްރިއަލް ގިނަ މަސައްކަތްތައް ކުރާ ރަށެކެވެ. އަދި ގުދަން ކުރުމަށްވެސް ގިނަ ވިޔަފާރިތަކަށް ބިން ކުއްޔަށްދީފައިވާ ރަށެކެވެ.

ވިޔަފާރިވެރިންނަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ތިލަފުށީ ފަޅުވަނީ 2017 ވަނަ އަހަރުވެސް ހިއްކާފައެވެ. ހިއްކި ބިން ސަރަޙައްދުވެސް މިހާރުދަނީ ގުދަން ހެދުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ކުއްޔަށް ދޫކުރަމުންނެވެ.