ކާބަން ގޭސްތައް ޖައްވަށް ދޫވާ މިންވަރު ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ކަމާބެހޭ ޢިލްމުވެރިން ވިދާޅުވެއްޖެއެވެ. ޖައްވަށް ކާބަން ގޭސްތައް ދޫވާ މިންވަރު ދިރާސާކުރާ ޢިލްމުވެރިންގެ ޖަމާޢަތަކުން ބުނީ ދުނިޔޭގައި ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ކާބަން ގޭސްތައް ޖައްވަށް ދޫވާ މިންވަރު އެންމެ ކުޑަވެގެންދާނެ ދުވަސްވަރުކަމަށެވެ.
ގްލޮބަލް ކާބަން ޕްރޮޖެކްޓުގެ ނަމުގައި ހިންގާ މަޝްރޫޢުގެ އިސްވެރިއެއްގެގޮތުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ރޮބް ޖެންސަން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ކާބަން ގޭސްތައް ޖައްވަށް ދޫވާ މިންވަރު އަހަރަކު 5 އިންސައްތައަށް ދަށަށް ހިނގައިދާނެކަމަށެވެ. 2008ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީ މައްސަލަތަކާއެކު ދުނިޔޭގެ އިޤްތިސާދު ހީނަރުވުމުން ކާބަން ގޭސްތައް ޖައްވަށް ދޫވާ މިންވަރު 1.5 އިންސައްތައަށް ދަށަށްގޮސްފައިވެއެވެ. އެއީ ކާބަން ގޭސްތައް ޖައްވަށް ދޫވާ މިންވަރު މަދުވި ފުރަތަމަ ފަހަރެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ކާބަން ގޭސްތައް ޖައްވަށް ދޫވާ މިންވަރު 2008ވަނަ އަހަރަށްވުރެވެސް ދަށްވާނެކަމަށް ބެލެވޭކަމަށް ޖެންސަން ވިދާޅުވިއެވެ. އެގޮތުން 1945ގައި ހުރި މިންވަރަށް ދަށްވެދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ކޯވިޑް-19 ފެތުރެމުންދިއުމުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދީ ގިނަ ޙަރަކާތްތަކެއްވަނީ ހުއްޓުމަކަށް އައިސްފައެވެ.