ރާއްޖޭގެ 27 ރިޒޯޓެއްގައި މިހާރު ތިބީ ހާހެއްހާ ފަތުރުވެރިންކަމަށާއި އެމީހުން ތިބީ ކޮވިޑް-19 އާއި ގުޅިގެން އެނބުރިޤައުމަށް ނުދެވިފައިކަމުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު އަމިއްލަ ޤައުމުތަކަށް އަނބުރާ ނުގޮސް 938 ފަތުރުވެރިން އެބަތިއްބެވެ. މީގެތެރޭގައި ޓްރެވަލް ރެސްޓްރިކްޝަންތަކާއި ހެދި ދަތުރުނުކުރެވި ތިބި 200 ފަތުރުވެރިންވެސް ހިމެނެއެވެ. އަދި ބާކީ ތިބި ފަތުރުވެރިންނަކީ އަމިއްލަ ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ފުރަބަންދާ ގުޅިގެން ޤައުމަށް އެނބުރި ނުދިއުމަށް ނިންމައި ރާއްޖޭގައި ތިބި މުއްސަނދި ޓުއަރިސްޓުންނެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މިގޮތަށް ރާއްޖޭގައި ތިބި ފަތުރުވެރިންގެ ކަންކަން މިނިސްޓްރީން ބަލަހައްޓަމުން ދާކަމަށެވެ. އަދި މިގޮތަށް ތިބި ފަތުރުވެރިންނަށް ފަސްތަރީގެ ކޮޓަރި ދޫކުރާ އަގުތައް އުޅެނީ ދުވާލަކު 300 ޑޮލަރާއި 900 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަލްޓަރ ލަގްޒަރީ ނުވަތަ އެންމެ މަތީ ފަންތީގެ ޕްރައިވެޓް ރިޒޯޓުތަކުގެ އަގު އުޅެނީ ދުވާލަކު 3000 ޑޮލަރުގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ރިޒޯޓުތަކުގެ އަގުތައް މިހާރު މިވަނީ ކޮވިޑް-19 އާއި ގުޅިގެން ދަށަށް ގޮސްފައިއެވެ. ކޮވިޑް-19 ގެ ކުރިން ރާއްޖޭގެ ފައިވް ސްޓާރ ރިޒޯޓެއްގެ ރޫމް ރޭޓު އުޅެނީ 1500 އަދި 300 ޑޮލަރާއި ދެމެދުއެވެ. އަދި އަލްޓްރާ ލަގްޒަރީ ރިޒޯޓުގެ އަގުތަށް އުޅެނީ ދުވާލަކަށް 10000 ޑޮލަރަށެވެ.
ކޮވިޑް-19 ރާއްޖޭގައި ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެތެރޭގައި އޮން އަރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުވުން ހިމެނެއެވެ. މިކަމާގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.