ޚަބަރު

އެމެރިކާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ބައިމިލިއަނަށް


އެމެރިކާގައި ކޯވިޑް-19 ޖެހުނުމީހުންގެ ޢަދަދު ބައިމިލިއަނަށް އަރައިފިއެވެ. މިއީ ވައިރަހުގެ އަސަރު މިހާރު އެންމެ ބޮޑަށްކޮށްފައިވާ ޤައުމެވެ.

ޗައިނާގެ ވޫހާން އިން ފެނުނު ކޯވިޑް-19 މިހާތަނަށް ދުނިޔޭގެ 1.6 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ޖެހިފައެވެ. އެމެރިކާއިން އެކަނިވެސް ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ފަސްލައްކަ ދެހާސް އަށްސަތޭކަ އަށްސަތޭކައަށްވުރެ ގިނައެވެ. މިއީ މިހާތަނަށް މި ވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ޤައުމެވެ. އެމެރިކާ ފިޔަވައި މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ސްޕެއިން ގައެވެ. އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ ޢަދަދު އެއްލައްކަ ފަންސާސްއަށްހާހަށްވުރެގިނައެވެ.

މި ބަލި އެމެރިކާގެ ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެޤައުމުގައި މިހާތަނަށް މި ބަލީގައި އަށާރަހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެމެރިކާ ހިމެނެނީ މިހާތަނަށް މުޅި ދުނިޔޭގައިވެސް މިބައްޔަށް އެންމެ ގިނަބަޔަކު ޓެސްޓު ކުރިޤައުމަށެވެ. އެމެރިކާގައި އެކަނިވެސް މިހާތަނަށް 2.5 މިލިއަނަށްވުރެ ގިނަ މީހުންވަނީ ޓެސްޓުކޮށްފައެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ވައިރަސް ފެތުރޭ ޗެއިން ހުއްޓުމަކަށް ގެނައީ އެޤައުމުން އެޅި ބޮޑެތި ފިޔަވަޅުތަކާއެކުގައެވެ. މުޅި ޤައުމު ލޮކްޑައުންކޮށް މީހުން ގެއިން ނިކުތުން މަނާކުރުމާއެކު ޗައިނާގައި ބަލި ފެތުރޭ ނިސްބަތް ވަނީ މަދުވެފައެވެ. ދެން އެންމެ ބޮޑަށް ވައިރަހުގެ ނުރައްކާ ބޮޑުވީ އިޓަލީގައެވެ. އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު އެޤައުމުގައިވެސް މިދިޔަ ހަފްތާގެ ތެރޭގައިވަނީ ބަލި ޖެހި މަރުވާ މީހުންގެ ޢަދަދު ވަނީ މަދުވެފައެވެ. ނަމަވެސް މިހާތަނަށް އެ ޤައުމުގައި އަށާރަހާސް އަށްސަތޭކައަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އިޓަލީއަކީ މިހާތަނަށް އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ޤައުމެވެ.

ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ވައިރަސް ކޮންޓްރޯލްކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުންކަމަށް ދިރާސާކުރައްވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ވައިރަހުގެ ނުރައްކާ އަންދާޒާކޮށްނުލެވޭއިރު ފެތުރިގެންދާ ހަލުވިކަމުގައި ޤައުމުތަކުގެ ސިއްހީ ދާއިރާތަކަށް ނުކަތާވަރަށް މީހުން ބަލިވުމުގެ ސަބަބުން ގިނަ މީހުނަށް އެކަށީގެންވާ ފަރުވާ ނުދެވޭކަންވެސް ފާހަގަކުރެވެއެވެ.