ޚަބަރު

77 ޤައުމަކަށް ޖީ20 ޤައުމުތަކުން ދީފައިވާ ލޯނު ދައްކާ މުއްދަތު ފަސްކޮށްދީފި


ދުނިޔޭގެ އެންމެ ކުރިިއަރާފައިވާ ޤައުމުތައް ނުވަތަ ޖީ20 ޤައުމުތަކުން ލޯނު ދޫކޮށްފައިވާ 77 ޤައުމަކުން ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފިއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުން މިގޮތަށް ނިންމާފައިވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތާ ގުޅިގެން ފަޤީރު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ސިއްހީ، އިޖްތިމާއީ އަދި އިޤްތިސާދީގޮތުން ކުރިމަތިމުންދާ ގެއްލުންތަކުން އަރަގަތުމަށް އެހީވުމުގެ ގޮތުންނެވެ.

ޚަބަރުތައް ބުނާގޮތުން ޖީ20ގެ ޤައުމުތަކުން ފަސްކޮށްދީފައިވަނީ އެކި ޤައުމުތަކުން މިއަހަރުގެ ނިޔަލަށް ދައްކަންޖެހޭ ލޯނުތަކެވެ. އަދި ޖީ20ގެ ގައުމުތަކުން ދިން ލުޔާއެކު 12 ބިލިއަނާއި 14 ބިލިއަނާ ޑޮލަރާ ދެމެދުގެ އަދަދެއްގެ ލޯނު ފަސްވެގެންދާކަމަށް ޚަބަރުތައް ބުނެއެވެ.

.ޖީ20ގެ ޤައުމުތަކުގެ އިތުުރުން، އަމިއްލަ އެކި ފަރާތްތަކުންވެސް ޤައުމުތަކަށް ދީފައިވާ ލޯނުތަކަށްވެސް ލުޔެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ދީފައިވާ ލޯނުތަކަށް ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ފަޤީރު ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ހުއްޓުވުމަށް ޤާނޫނީ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

ޖީ20ގެ ޤައުމުތަކުގެ އިތުރުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިންވެސް ދުނިޔޭގެ އެންމެ ފަޤީރު 25 ޤައުމަކަށް ދަރަނި ދެއްކުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި ވޯލްޑް ބޭންކުންވެސް ދަނީ ދުނިޔޭގެ އެކި ޤައުމުތަކަށް ކޮވިޑް-19އާ ގުޅިގެން ދިމާވާ އެކިއެކި ކަންކަމަށް އެހީވުމަށް މާލީ އެހީދެމުނެނެވެ..

ޖީ20ގައި ހިމެނެނީ އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 19 ޤައުމާއި ޔޫރަޕިއަން ޔޫނިއަންއެވެ.