ޚަބަރު

އިންޑިއާއިން ހަދިޔާކުރި މެލޭރިއާ ބޭސް ރާއްޖެ ގެނެސްފި


އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ބޭނުންކުރާ މެލޭރިއާ ބޭސް ނުވަތަ ހައިޑްރޮކްސީކްލޮރޮކުއިން ޝިޕްމަންޓް ރާއްޖެއަށް ގެނެސްފިއެވެ.

އިންޑިއާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ހައިޑްރޮކްސިކްލޮރޮކުއިންގެ ފަންސާސް ހާސް ބޭސްގުޅަ، ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފައެވެ. ކޮވިޑް-19 އާއި އެނޫންވެސް ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރާ މި ބޭސް ރާއްޖެއަށް ގެނެސްފައިވަނީ މިރޭ އިންޑިއާގެ ޗެންނާއީ އިން އައި ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.

އެޗް.ސީ.ކިއު ބޭސް ރާއްޖެ ގެނެސްފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރެއްވިތާ 48 ގަޑިއިރުހަމަވުމުގެ ކުރިންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާ އާއި ދިވެހިރާއްޖެ އާއި ދެމެދުގައިވާ ޚާއްސަ ގުޅުން ފާހަގަ ކުރައްވާ އިންޑިއާއިން އަބަދުވެސް ދިވެހިރާއްޖެއާއިއެކުގައި ވާނޭކަމުގެ ޔަޤީންކަން އަރުވާފައެވެ.

އެޗް.ސީ.ކިއު ބޭސް ސަޕްލައިގެ 70 އިންސައްތަ އުފައްދާ ޤައުމަކީ އިންޑިއާއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މަޝްވަރާކުރެއްވިތާ މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޗް.ސީ.ކިއު ބޭހުގެ ސަޕްލައި ރާއްޖެއަށް ފޯރުކޮށްދެވުމަކީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީއާއި ދިވެހިރާއްޖޭގެ 'އިންޑިއާ ފަސްޓް' ޕޮލިސީގެ ބަދަހިކަމުގެ ރަމްޒެއްކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ވަނީ ކޯވިޑް-19ގެ ހާލަތުގައި ރާއްޖެއަށް ބޭހުގެ ދަތިކަން ކުރިމަތިވިޔަ ނުދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށްޓަކައި ބޭހުގެ އެހީވެސް ދީފައެވެ. އަދި ރާއްޖެއަށް ބޭނުްވާ ކާޑުގެ ބާވަތްތައް އެތެރެކުރުމަށާއި އެޤައުމުގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގައިވެސް އިންޑިއާއިން ވަނީ އެހީތެރިވެދީފައެވެ.