ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހައިކޯޓުން ބާއްވާ ޝަރީޢަތްތަކުގެ މަޖިލިސްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ތައްޔާރުވެއްޖެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހައިކޯޓުން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކުގައި ބައިވެރިވުމަށް އެ އޮފީހުން ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތަކެއް މިހާރު ހަމަޖައްސާފައިވާކަމަށެވެ.
ކޯވިޑް-19އާ ގުޅިގެން ގައިދުރުކަން އިސްކުރުމަށް ސިއްހީ ދާއިރާއިން ލަފާ ދެއްވަމުންދާތީ އާއި މާލެ ފުރަބަންދުކޮށްފައިވާތީ ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތްތަކުގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން މިހާރު ބައިވެރިވެވަޑަައިގަންނަވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެހެންނަމަވެސް ހައިކޯޓާއި ސުޕްރީމް ކޯޓާއެކު އެފަދަ ގޮތަކަށް ޝަރީއަތްތައް ކުރިއަަށް ގެންގޮސްފައިއެއްނުވެއެވެ. އެހެން ނަމަވެސް މި އިންތިޒާމްތައް ހަމަ ޖެހިފައިވާތީ ހައިކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ވަރަަަށް އަވަހަށް ފެށިގެންދާނެއެވެ.
ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތްތަކުގައި ވީޑިއޯ ކޮންފަރެންސްމެދުވެރިކޮަަށް ޕީޖީ އޮފީހުގެ ވަކީލުން ބައިވެރިވެވަޑައިގަންނަވަނީ އެވަކީލުންގެ ގޭގައި ތިއްބަވައިގެން ކަމަަަށްވެސް ޝަމީމް ވިދާޅުވިއެވެ.
އަދި ދަައުވާ ކުރުމަށްއެދި އެ އޮފީހަަށް ހުށައަޅާ މައްސަލަތައް ބަލައިގަތުމާއި މައްސަލަތަކުގައި ދަޢުވާކުރުންވެސް ކުރިއަށްދަނީ އޮންލައިންކޮށެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވީ ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭ ޝަރީއަތްތައް ބާއްވާނެ ކަމަަަށް ކޯޓުތަކުންވަނީ ވިދާޅުވެފައެވެ.