ޚަބަރު

މިހާތަނަށް ކޮރޯނާވައިރަސް ނުފެންނަ ޤައުމުތަކަކީ ކޮބާ؟


ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށްހެން ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19 ފެތުރިފައިވާއިރު، ކޮރޯނާވައިރަސް މިހާތަނަށް ނުފެންނަ ޤައުމުތަކެއްވެސް އެބަހުއްޓެވެ.

ކޮރޯނާވައިރަސްއާ ގުޅޭ ތަފާސް ހިސާބުތައް އެންމެ ރަނގަޅަށް ބަލަހައްޓަމުންދާ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން މިދިޔަ ހޯމަ ދުވަހާ ހަމައަށް އެއްކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮރޯނާވައިރަސްގެ އަސަރެއް މިހާތަނަށް ނުފެންނަ 13 ޤައުމެއް އެބައޮތެވެ. އަދި މި 13 ޤައުމުން މިދިޔަ ހޯމަދުވަހާ ހަމައަށް ކޮރޯނާވައިރަސްއަށް މީހަކު ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިނުވާކަމަށް ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

•އުތުރު ކޮރެޔާ
•ތުރުކަމިނިސްތާން
•ލެސޮތޯ
•ސޮލޮމަން އައިލެންޑްސް
•ވަނުއާޓު
•ސަމޯއާ
•ކިރިބަތި
•ފެޑެރޭޓަޑް ސްޓޭޓް އޮފް މައިކްރޯނޭސިއާ
•ޓޮންގާ
•މާޝަލް އައިލެންޑްސް
•ޕަލާއު
•ޓުވާލޫ
•ނައުރު

މިޤައުމުތަކުން މިހާތަނަށް ކޮރޯނާވައިރަސް ފެނިފައި ނުވިޔަސް، މީގެތެރެއިން ބައެއް ޤައުމުތަކުން ޙާލަތާމެދު ގިނަ ބަޔަކު ޝައްކު އުފައްދައެވެ. ޚާއްސަކޮށް ދުނިޔެއާ އެކަހެރިވެގެން އުޅޭ އުތުރު ކޮރެޔާއާމެދު ކުރާ ޝައްކު ބޮޑެވެ.

ދެކުނުކޮރެޔާގެ ބައެއް ޚަބަރުތައް ބުނާގޮތުން އުތުރުކޮރެޔާގައި ކޮރޯނާވައިރަސް ދަނީ ފެތުރެމުންނެވެ. އަދި އުތުރުކޮރެޔާއަށް ކޮރޯނާވައިރަސް އެތެރެވެފައިވަނީ އެޤައުމާއި ޗައިނާއާ ގުޅޭ ބޯޑަރުންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އުތުރުކޮރެޔާގެ އެތެރޭގައި ހިނގާ ކަންކަމަކީ ބޭރު ދުނިޔެއަށް އެނގޭ ކަންކަމަށް ނުވާތީ، އެކަމުގެ ހަޤީގަތް ހޯދުމަކީ ދަތިކަމެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އުތުރުކޮރެޔާއަކީ އާއްމުކޮށް މީހުން ގޮސް އުޅޭ ޤައުމަކަށް ނުވާތީ އެޤައުމުން ކޮރޯނާވައިރަސް ނުފެނުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

އުތުރުކޮރޮޔާގެ އިތުރުން ހުދުމުހުތާރު ވެރިކަމެއްކުރާ ތުރުކަމިނިސްތާނުންވެސް މިހާތަނަށް ކޮރޯނާވައިރަސްގެ އެއްވެސް ކޭސްއެއް ފެނިފައިނުވާއިރު، އެކަމާ މެދުވެސް ބައެއް ފަރާތްތަކުން ޝައްކުކުރެއެވެ. އެއީ އެޤައުމުގެ މީޑިއާއަކީވެސް އުތުރުކޮރެޔާ ފަދައިން ދައުލަތުން ކޮންޓްރޯލްކުރާ އެއްޗަކަށްވާތީ، ސައްހަ މަޢުލޫމާތު ނުލިބޭނެތީއެވެ.

ތުރުކަމިނިސްތާނާއި އުތުރުކޮރެޔާ ފިޔަވައި ލިސްޓުގައި ދެން ތިބި ޤައުމުތަކާމެދު ބަޔަކު މާބޮޑު ސުވާލެއް ނުކުރެއެވެ. ދެން ހިމެނޭ ގިނަ ޤައުމުތަކަކީ ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމުތަކެވެ.