އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް މައްސަލައިގެ ޝަރީއަތްތައް ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް ކްރިމިނަލްކޯޓުން އަމުރުކޮށްފިއެވެ.އިމްރާންގެ ބަންދާމެދު އިތުރުގޮތެއް ކޯޓުން މިއަދު ކަނޑައަޅާފައިމިވަނީ އޭނާގެ ބަންދާމެދު ކުރިން ނިންމާފައިވާ ގޮތް މުރާޖަޢާކޮށްދިނުމަށް އެދި އިމްރާންގެ ދިފާއީ ވަކީލުން ކޯޓަށް ހުށައެޅުމުންނެވެ. މީގެ ކުރިން ކޯޓުން ނިންމާފައިވަނީ އިމްރާންގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށެވެ. އިމްރާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލައިގައި މިހާތަނަށް ބާއްވާފައިވަނީ އެންމެ އަޑުއެހުމެކެވެ. ޖޫންމަހުގެ ވިހި ވަނަދުވަހު ފެށި ޝަރީއަތް ހުއްޓުމަކަށް އައިސްފައިވަނީ އެ މައްސަލަ ބެއްލެވުމަށް އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ހައިކޯޓަށް ބަދަލްކުރުމާއި ގުޅިގެންނެވެ. އޭގެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް މިހާތަނަށް ބާއްވާފައިނުވާއިރު ބެންޗުވެސް އަލުން އެކުލަވާލާފައެއް ނުވެއެވެ. އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރަނީ މިއަހަރުގެ މޭ މަހުގެ އެއްވަނަދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާކަމުގެ ތުހުމަތުގައެވެ. ޝަރީއަތް ނިމެންދެން ގޭ ބަންދަށް އިމްރާން މިއަދު ބަދަލްކުރިއިރު ޖޫންމަހުގެ ވިހިވަނަދުވަހުން ފެށިގެން ޖުލައިމަހުގެ ތޭވީހާއި ހަމައަށް އޭނާ ބަހައްޓާފައިހުރީ ދޫނިދޫގައެވެ. އެހެންނަމަވެސް މިދިޔަމަހުގެ ތޭވީސްވަނަދުވަހުން ފެށިގެން މާފުށީ ޖަލަށް ބަދަލުކޮށްފައިވެއެވެ.