މާލޭގައި ތިބި އެކި ރަށްރަށުގެ މީހުންގެ ތެރެއިން އަނބުރާ ރަށަށް ނުދެވި ތިބި މީހުން ފޮނުވާލުމުގައި އިސްކަންދޭނެ ލިސްޓެއް އެކުލަވާލައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީއިން ވަނީ މާލޭގައި ތާށިވެފައިތިބި އެކި ރަށްރަށުގެ މީހުންގެ ތެރެއިން ފަސްހާހަށްވުރެ ގިނަ މީހުން ރަށްރަށަށް ދިއުމަށް އެދިފައިވާކަން މީގެ ކުރިން ހާމަކުރައްވާފައެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެންއީއޯސީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ދަނޑިވަޅުގައި މާލެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން މިކަމުގެ ބިރުވެރިކަން މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާކަމަށެވެ.
މި ޙާލަތުގައި މާލެއިން އެއްވެސް ރަށަކަށް މީހަކު ފޮނުވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ރަށްރަށަށް މީހުން ފޮނުވާލުމުގައި ޚާއްޞަ އުސޫލެއްގެ ދަށުން އަމަލު ކުރުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އެކި ކައުންސިލްތަކާއި ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާން އެދުނު ފަރާތްތައް ރިވިއުކޮށް 1600 މީހުން ހިމެނޭ ލިސްޓެއް އެކުލަވާލާފައިވާކަމަށެވެ.
މި ލިސްޓް އެކުލަވާލުމުގައި އިސްކަން ދީފައިވަނީ މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސްތިބި މީހުންގެ ތެރެއިން އެނބުރި ރަށަށް ނުދެވި ތިބި މީހުން ރަށަށް ފޮނުވުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލާއި އެއްގޮތަށެވެ. އެގޮތުން ބޭސްފަރުވާއަށް މަލެ އައިސް އެނބުރި ރަށަށް ނުފުރިފައިތިބި މީހުންނާއި، ރިސޯޓުތަކުން މާލެ އައިސް ރަށަށް ނުދެވި ތާށިވެފައިތިބި ފަރާތްތަކާއި، ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް މި ލިސްޓު އެކުލަވާލުމުގައި ވަނީ އިސްކަން ދީފައެވެ.
މަބްރޫކް ވިދާޅުވިއެވެ.
މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރުމަށް އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ކޮންމެހެން ރަށްރަށަށް ފޮނުވަންޖެހޭ މީހުން މިހާރު ކަރަންޓީންކުރާނީ ސަރުކާރުން ހަމަޖައްސާ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައެވެ.
މި އިންތިޒާމުގެ ދަށުން އެއްހާސް މީހުން ކަރަންޓީންކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރިސޯޓްތަކުގައި 500 މީހުންގެ ޖާގަ އަދި ހުޅުމާލެ ގެސްޓްހައުސްތަކުގައި އިތުރު 500 ޖާގަ ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ނިންމާފައިވަނީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް މިި ބަލި ފެތުރުން ކޮންޓްރޯލްކުރުމައްޓަކައެވެ.
ރަށްރަށަށް ދާ މީހުންނަށް އެ ރަށްރަށަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ކޯވިޑް-19އަށް ޓެސްޓުކުރުމަށްފަހުއެވެ.
މީގެ އިތުރުން ރަށްރަށުގައި ތާށިވެފައިތިބި މީހުންގެ ތެރެއިން މާލެ އަންނަ ބޭނުންވާ މީހުންނަށް މާލެ އާދެވޭނީ ފުލުހުން ދޭ ޚާއްޞަ ހުއްދައަކާއެކުގައެވެ.