ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސްއިން 2.5 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް އާއި މިއަދު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން، އުރީދޫ އިން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ.
"އުރީދޫ އަކީ އަބަދުވެސް ދިވެހިންނާއި އެކު ތިބި ބަޔެއް. ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަން. މި ހާލަތުގައި ރާއްޖެއަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި، އުރީދޫ ގްރޫޕްގެ ޗެއަރމަން، ހިޒް އެކްސެލެންސީ ޝައިޚް ފައިސަލް ބިން ޘާނީ އަލް ޘާނީ، އުރީދޫ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިޒް އެކްސެލެންސީ ސައުދް ބިން ނާސިރް އަލް ޘާނީ، އުރީދޫ ގްރޫޕްގެ ބޯޑް އޮފް ޑައިރެކްޓަރސް އަދި އުރީދޫ މޯލްޑިވްސްގެ ބޯޑް އޮފް ޑައިރެކްޓަރސް އަށް ޚާއްސަ ޝުކުރެއް ދަންނަވަން. " އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ، އެންއީއޯސީ އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރިކޮށްދެމުންދާ ކަމަށެވެ. މިގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
މުޅި ދުނިޔެއަށް އަދި ދިވެހިރާއްޖެއަށް މިފަދަ ޙައްސާސީ ހާލަތެއް ދިމާވެފައިވާހިނދު، މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކުން އާންމުންގެ ރައްކާތެރިކަމާއި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް މުހިންމު ދައުރެއް އަދާކުރަންވާނެކަމަށް އުރީދޫ މޯލްޑިވްސްއިން ޤަބޫލުކުރާކަމަށް އެކުންފުނިން ބުނެއެވެ. ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ކުރިޔަށް އޮތްތަނުގައިވެސް އުރީދޫ މޯލްޑިވްސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދިނެވެ.
ކޯވިޑް-19ގެ އަސަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ކުރަމުންދާހިނދު، އުރީދޫ އިން ދަނީ އެކުންފުނީގެ ބައިނަލްއަޤްވާމީ މާކެޓުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އަދި އެހެނިހެން ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.