ޚަބަރު

އެންމެންވެސް ތިބީ މަސައްކަތުގައި ފަހަތަކަށް ނުޖެހޭ


ޗައިނާގެ ހުބޭ ޕްރޮވިންސުން ކޯވިޑްގެ ބަލިމަޑުކަން އެންމެ ފުރަތަމަ ފެނުނު ހިސާބުންވެސް މި ބަލިން ދިވެހިން ރައްކާތެރިކުރުމުގެ މަސައްކަތް ދިވެހި ސާރުކާރުން ވަނީ ފަށާފައެވެ. އެންމެ ފުރަތަމަ މަސައްކަތް ފެށުނީ ހެލްތް މިނިސްޓްރީގައި ކޮންމެ ދުވަހަކު ބާއްވަމުން ދިޔަ ހެލްތް އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުން ބައްދަލުވުންތަކުންނެވެ. އެއަށްފަހު ޤައުމަށް ދިމާވެދާނެ ބޮޑު ކާރިސާއަކުން ދިވެހިން ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމަށް މުޅި ސަރުކާރާއި ކަމާއި ގުޅޭ އަމިއްލަ ޖަމިއްޔާ ޖަމާއައްތަކާއި ގުޅިގެން އެ މަސައްކަތް ޤައުމީ މަސައްތަކެއްގެ ގޮތުގައި ފެށިއެވެ.

ކޯވިޑްގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރެމުން އައިސް އެ ނުރައްކާއާއި ދިވެހިންވެސް މިއަދު މިވަނީ ކުރިމަތިލާންޖެހިފައެވެ. މި ޤައުމުންވެސް މި ބަލި ޖެހުނު މީހުންގެ އަދަދު ހާހުން މައްޗަށް އަރާ މަރުވި މީހުންގެ އަދަދުވެސް ހަތަރަކަށް އެރީއެވެ. މި މަސައްކަތުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއް ބަޔަކު ތައުރީފު ކުރާއިރު އަނެއް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ކަން މިހެން އޮތް ނަމަވެސް މިބަލިން ދިވެހިން ރައްކާތެރިކުރުމަށް އެތައް ބަޔަކު 24 ގަަޑިއިރު އަންނަނީ އެތައް ގުރުބާނީތަކެއް ވަމުންނެވެ.

ކޯވިޑްގެ މައުލޫމާތާއި ރާއްޖޭގެ ހާލަތު ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށް ޓިވީތަކުގެ ކުރި މައްޗަށް ނުކުންނަނީ ދިވެހިންނަށް މީގެކުރިން އެހާ ދެކެ ފަރިތަ މޫނުތަކެއް ނުވެދާނެއެވެ. އަދި ޕްރަންޓްލައިނުން ފެންނަ މޫނުތަކަކީވެސް ދިވެހިން އެހާ ދަންނަ ބަޔަކަށްވެސް ނުވެދާނެއެވެ.

ކޯވިޑްގެ ބަލިމަޑުކަން ރާއްޖެއަށް އައިސް މިހާރު ކުރަމުން އަންނަ މަސައްކަތުގައި ރައީސުލްޖުމްހޫރިއްްޔާ އާއި ސަރުކާރުގެ ވަޒީރުންނާއި އެހެނިހެން އިސްވެރިން ބައިވެރި ނުވެ ފިލާ ތިބޭ ވާހަކަ މީ މިއަދު ފާޑުކިޔާ މީހުންގެ އެންމެ ބާރަށް ދައްކާ އެއް ވާހަކައެވެ.

ކޮންމެއަކަސް މި ވާހަކަތަކާއި އެކު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރާ މަސައްކަތްތައް ބަލާލަން ބޭނުންވިއެވެ. މުޅި ދަރުބާރުގެ އެއްކޮށް ހިސާރުކޮށް ސަރުކާރުން މި ކުރަނީ ކޮންކަމެއްތޯ އަމިއްލަ ލޮލުން ބަލާ ވަޒަންކޮށްލާ ހިތްވިއެވެ. އެހެންވެ މި ނުރައްކާތެރި ދަނޑިވަޅުވެސް ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަަޅައިގެން އެމެޖެންސީ ސެންޓަރުގައި އެއްދުވަހުގެ މަސައްކަތް ބަލާލީމެވެ.

ދަރުބާރުގޭގައި ހޭދަކޮށްލި މަދުވަގުތުކޮޅުން އެނގުނީ މިކަމުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މަސައްކަތް އަޅުގަޑުމެންނަށް ވަޒަން ނުކުރެވޭހާ ވެސް ބުރަކަމެވެ. އަދި އެ ބޭފުޅުންގެ މުޅި ދުވަސް އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތި އެ ހޭދަކުރައްވަނީ ދިވެހި ރައްޔިތުންގެ ހައްޤުގައެވެ. ރޯދަމަހުގެ ދުވާލެއް ރޭގަނޑެއް ބެލުމެތްނެތިއެވެ. މިކަމުގައި ވަޒީރެއް ނުވަތަ އާދައިގެ މުވައްޒަފެއް އެއްވެސް ތަފާތެއް ނެތިއެވެ.

ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ބަލާ އަޅާނެ ފިޔަވަޅުތައް ކޮންމެ ދުވަހަކުވެސް މި ސެންޓަރުގެ ތެރޭގައި ކަނޑައަޅަމުން އާދެއެވެ. މި ނިންމުންތައް ނިންމަނީ ކަމާއި ގުޅޭ ހުރިހާ އިދާރާތަކުން ކޮންމެ ދުވަހަކުވެސް ބާއްވާ ބައްދަލުވުމަކުންނެވެ. ބައްދަލުވުމަށް އަންނަ ހުރިހާ ބައިވެރިން އަންނަނީ ނިމިދިޔަ 24 ގަޑިއިރު ދިމާވި މައްސަލަތަކާއި ގެނެވިދާނެ ހައްލުތައްވެސް ހިފައިގެންނެވެ.

މި ބައްދަލުވުން ހިގަމުން ދިޔައިރު އެއްކަނެއްގައި މަޑުކޮށްލައިގެން ވާނުވާ ބަލާލުމުގެ ފުރުސަތު އަޅުގަޑަށްވެސް ލިބުނެވެ. ވަޒީރުންނާއި ކަމާއި ގުޅޭ ހުރިހާ ދައިރާތަކުން މީހުން ބައިވެރިވާ މި ބައްދަލުވުން ކޮންމެ ދުވަހަކުވެސް ދެތިން ގަޑިއިރަށް ދެމިގެންދެއެވެ. އެންމެންގެ ވާހަކަތައް ހުށައަޅާ އެންމެންގެ މަޝްވަރާގެ މަތިން ނިންމުތަކާއި ހަމައަށް ދެވެންދެނެވެ.

މި ބައްދަލުވުމުގައި އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ ކޯވިޑާއި ގުޅިގެން ހުރިހާ ކަމެއް ބަލަހައްޓާ ދިމާދިމާލުން މީހުން ބައިވެރިވާކަމެވެ. ކޮންމެ ދާއިރާއަކުން ބައިވެރިވާ ފަރާތަކާއި ސުވާލުކޮށް ކުރަމުންދާ މަސައްކަތުގެ އަފްޑޭޓްތައް ވަކިވަކިން އަހާ އޮޅުން ފިލުވާކަމެވެ. އަދި ކަމެއް ގޯސްކޮށް ދަނީނަމަ އެކަން ވަކި މީހެއްގެ ލޮލަކަށް ކަނދުރާއަކަށް ބެލެމެތްނެތި ކޮންމެ ބައިވެރިއަކުވެސް އެކަން ހާމަކުރަމުން ދާކަމެވެ. އެއީ ވުޒާރާއަކަށް ނިސްބަތްވާ ކަމަކަށްވިޔަސް ވަޒީރަކަށް ނުވަތަ އެހެން މީހަކަށްވެސް ބެލުމެތްނެތިއެވެ.

އެތަނުގައި އަޅުގަނޑު އިން އިރު އެގިގެން ދިޔަ އަނެއްކަމަކީ އެމީހަކަށް ފެންނަ ހިޔާލެއް ހުށައަޅާ ގޯސްކޮށްދާ ކަމެއް އޮތްނަމަ އެވާހަކަ އެއްވެސް ޖެހިލުމެއް ނެތި ބުނުމުން އެންމެވެސް އެކަމަށް ހައްލު ހޯދަން ވަގުތުން މަސައްކަތް ފަށަާކަމެވެ. އެއްވެސް ރައްދެއް ޖަދަލުކުރުމެތް ނެތިއެވެ. އެންމެންގެވެސް އޮތީ އެއް އަޒުމެއްކަމެވެ. އަދި މިކަމުގައި މަސައްކަތް ކުރާނީ އެއްރޫހެއްގައިކަމެވެ.

އެންމެފަހުގެ ހިސާބުތަކާއި ދެން ހަދަންވީ ގޮތެއް މަޝްވަރާކުރާއިރު ހުރިހާ ބައިވެރިންގެ މޫނުންވެސް މިކަމުގައި މުހިއްމުކަން އެންމެ ސިކުންތަކަށްވެސް ކެނޑިގެންނުދެއެވެ. މިކަމުން ދިވެހިން ނެރި ސަލާމަތުގެ އައްސޭރިއަށް ގެންދަން ބޭނުންވާވަރު ހުށައަޅާ ހުށެއެޅުންތަކުން އެނގިގެންދައެވެ. އަދި މަސައްކަތުގެ ވަރުބަލިކަމާއި ހިތުގައި އިހްސާސްތައްވެސް ބޭރު ފުށުން ކޮންމެވެސް ވަރަކަށް ސިފަވި ނަމަވެސް އެކަކުވެސް ފަހަތަށް ޖެހޭކަން ބޭނުންނުވާކަން ރަނގަޅަށް ވަޒަންކުރެވުނެވެ.

އެންއީއޯސީގެ ތެރޭގައި އަޅުގަނޑު މަޑުކޮށްލި ކޮށްލުމުން ފާޑުކިޔާ މީހުން އެ ދައްކާ ވާހަކަތަކަށް ދޭނެ އެތައް ޖަވާބުތަކެއް ފެނިގެންދިޔައެވެ. ޒުވާން ކުދިންތަކެއް ފްރަންޓްލައިނަށް ނެރެ ވެރިން ފިލާ ތިއްބެވީކީ ނޫންކަމެވެ. ސަރުކާރުގެ ވަޒީރުންނާއި އެހެނިހެން ފެންވަރުގެ އެތައް ބޭފުޅެއްނެތް ފްރަންޓްލައިނަށް ނުކުމެ އެބަ މަސައްކަތް ކުރައްވައެވެ. އާއްމުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ދިމާވާ ދަތިތައް ހިސާބުކޮށް ކޮންމެ ދުވަހަކު އެ އަދަދުތައް މަދުކުރުމަށް ފިޔަވަޅުތައް އަޅަމުން އެބަ އާދެއެވެ. މި ކުޑަކުޑަ ރާއްޖޭގެ އިގްތިސާދަށް ދިމާވާ ގޮންޖެހުންތައް ޗާޓުން ކުރަހާ އެ ޗާޓްތައް ބަދަލުކޮށް އަލުން ކުރަހަމުން އެބަ ގެންދެއެވެ.

ތެދެކެވެ. ހުރިހާ ވަޒީރުންނެތް މިތަނުގައި ނެތެވެ. ސުވާލަކީ ތިބެންޖެހޭތޯއެވެ. ޖަވާބު ވަރަށް ސާފު ސީދާއެވެ. މިވަގުތު މިކަމުގައި ދިވެހިންނާއި ގުޅުންހުރި ހުރިހާ މައްސަލަތަކާއި ގުޅޭ ހުރިހާ ވަޒީރުން ތިއްބެވީ ދަރުބާރުގޭގައި ގޮނޑިއަޅުއްވައިގެން މަސައްކަތުގައެވެ. ފަހަތަށް ޖެހުމެތް ނެތި މައްސަލަތަކަށް ހައްލު ހޯދާދިނުމުގައެވެ.

މިތަނުން ޔަޤީންވި އެހެން ކަމެއްވެސް އެބައޮތެވެ. އިގްތިސާދާއި އެހެނިހެން ހުރިހާކަމަކަށްވުރެ ދިވެހިގެ ފުރާނަ އާއި ސިއްހަތު މުހިއްމުކަމެވެ. މިތަނުގައި ހުރިހާ ނިންމުންތައް ނިންމަމުން އަންނަނީ ކުރިންވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކޮންމެ ރެއަކުވެސް މަބްރޫކް ވިދާޅުވަމުން ގެންދަވާހެނެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ފަހު ބަސް އެ ބުނަނީ ހަމަ ސިއްހީ މާހިރުންނެވެ. އެއަށްފަހު ވަޒީރުންވެސް ދެން ތިއްބެވި ބޭފުޅުންވެސް ކުރައްވާ ކަމަކީ އާދޭހޭ ވިދާޅުވެ އެކަމެއްކުރަން އަވަސްވެ ގަތުމެވެ.

ނިންމާލަން ވާނީ ޓިވީ ފެންނަ ޕްރަންޓްލައިގެ ވާހަކަވެސް ބުނަލުމަށްފަހުތާއެވެ. މަބްރޫކާއި ޑޮކްޓަރ އަފްޒަލާއި އެހެނިހެން ބޭފުޅުން އާއްމުންނާއި ހަމައަށް އެ ނުކުންނަނީ މި ފަދަ އެތައް މަސައްކަތަކަށްފަހުއެވެ. ބަޔަކު ދިއްކޮށްލާ މައުލޫމާތު ގަނޑުތަކެއް ހިފައިގެން ނުކުމެ ތިބެ ހަމަ ވާހަކަ ދައްކަވަނީ ކީ ނޫނެވެ. މަބްރޫކާއި ޑޮކްޓަރުވެސް ނުކުމެ ޕްރެސް މޭޒުގައި އިށީނަނީ އެތައް ބެލުންތަކެއް ބަލާ ނޫސްވެރިންނާއި އާއްމުން ބޭނުންވެދާނެ ހުރިހާ ސުވާލުތަކެއް ޖަވާބުކަމާއި ގުޅޭ ޓީމްތަކުން އެއްކުރުމަށްފަހުއެވެ.

މި ދެންނެވި ޓީމްތައް ދަރުބާރުގޭގައި މަސައްކަތް ކުރައްވަމުން އެ އަންނަނީ އެންމެހާއި ދިވެހިންނަށްޓަކައެވެ. ފާޑުކިޔުންތަކާއި ކުރާ ފުރައްސާރަތަކަށް ދީލާލުމެތް ނެތި އަމިއްލަ ވަޒަނާއި އާއިލާ މީހުންނާއި ގާތް އެކުވެރިންގެ ހައްގުގައެވެ.