ޚަބަރު

އަތޮޅުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްނަމަ ފްލޫ ކްލިނިކްތަކުން ދެނެގަނެވޭނެ - އެންއީއޯސީ


އަތޮޅުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއްނެތްކަމަށާއި، ކޮމިއުނިޓީ ސްޕްރެޑް އޮތްނަމަ ފްލޫ ކްލިނިކްތަކުން ދެނެގަނެވޭނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ، ރާއްޖޭގެ 28 ސަރަހައްދެއްގައި ފްލޫ ކްލިނިކްތައް ވަނީ ޤާއިމުކޮށްފައެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގެ ފުރަބަންދަށް ލުއިތަކެއް ދިން ނަމަވެސް، ރާއްޖޭގެ ކޯވިޑްގެ ހާލަތު މިހާރުވެސް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން ކޮމިއުނިޓީ ސްޕްރެޑެއް މިވަގުތު އޮތް މާލެ ސިޓީގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕްލިންގްއާއި މަގުމަތިން އެކްޓިވް ސާމްޕަލްތައް ނަގަމުންދާކަމަށެވެ.

މިވަގުތު ނެގޭ ސާމްޕަލްތަކުން އަތޮޅުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން މަބްރޫކް ވަނީ ހާމަކޮށްފައެވެ. އެގޮތުން މިކަން ޔަޤީންކުރުމަށްޓަކައި އެކި ރަށްރަށުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކްތަކުން ސާމްޕަލްތައް ނަގަމުންދާކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް 82 ސާމްޕަލް ވަނީ ނަގާފައެވެ. މިއިން އެއްވެސް ސާމްޕަލްއެއް ކޯވިޑްއަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

"އަޅުގަނޑުމެން ހުރިހާތަނެއްގެ ހާލަތު ވީހާވެސް ބޮޑަށް ދެނެގަތުމަށް މަސައްކަތް ކުރަން. މާލޭގެ ހާލަތު ދެނެގަތުމުގައި ގިނަ މަސައްކަތްތައް ކުރާކަން އިނގިލައްވާނެ. ރަށްރަށުގައި ހާލަތު ދެނެގަނެވޭ އެބަ. ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް. ކޮމިއުނިޓީ ސްޕްރެޑް ވާނަމަ ފްލޫ ކްލިނިކްތަކުން ދެނެގަނެވޭނެ. މިއަދު ފްލޫކްލިނިކަށް ދެއްކި 122 މީހުންގެ ތެރެއިން 82 ސާމްޕަލް ވަނީ ނަގާފައި. މީގެ ތެރޭގައި ށ އަތޮޅު ފްލޫ ކްލިނިކުން ނެގި 25 ސާމްޕަލް އަދި ޅ އަތޮޅުން 43 ސާމްޕަލް ވަނީ ނަގާފަ. މިހާތަނަށް މިގޮތައް ނެގި ސާމްޕަލް ޕޮޒިޓިވް ވެފައެއް ނުވޭ"

މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖީން އެކްސްޕާޓް މެޝިންތަކަށް ބޭނުންވާ ކާޓްރިޖްތައް ގެނެސްގެން ރަށްރަށުގައި ޓެސްޓްކުރުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުން ދަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ބައްޔަށް ފަރުވާ ދިނުމަށް ފެސިލިޓީތައް ތަރައްޤީކުރަމުންނެވެ. މި ސެންޓަރުގެ ތެރެއިން ބ އޭދަފުށީ ފެސިލިޓީ ފިޔަވާ އެހެން ހުރިހާ ފެސިލިޓީތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ވަނީ ނިންމާލާފައެވެ. މި ފެސިލިޓީތަކަށް ބޭނުންވާ އެނދާއި އެހެނިހެން ސިއްޙީ އާލާތްތައް ފޮނުވުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ދަނީ ކުރަމުންނެވެ.