ޚަބަރު

19 އަހަރުގެ އަޝްހަމް 7 ދުވަސްތެރޭގައި ވެންޓިލޭޓަރެއް އުފައްދައިފި


ކޯވިޑް19 ގެ މިހާލަތުގައި އެބަލީގައި އެންމެ ސިރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ޤައުމުތަކަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ވެންޓިލޭޓަރެވެ. މިއާއެކު މިދުވަސްވަރު އެންމެ ބޮޑު ޑިމާންޑެއް ދުނިޔޭގެ ބާޒާރުގައިއޮތީވެސް ވެންޓިލޭޓަރުތަކަށެވެ. އެހެނީ އެތަކެތި އުފައްދާ ޤައުމުތަކުންވެސް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރު ނުއުފެއްދިގެން އުޅޭ ޚަބަރުތައް ދުނިޔޭގެ މީޑިއާތަކުްނދަނީ ރިޕޯޓުކުރަމުންނެވެ.

ކޯވިޑް-19 ގެ ނުރައްކާތެރި މި ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއިންވެސް މިވަގުތަށް އެންމެ އިސްކަންދީގެން ސަރުކާރުން ހޯދާ އެކައްޗަކީ މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްޙީ ސާމާނެވެ. މީގެ ތެރެއިންވެސް ވެންޓިލޭޓަރަކީ އެންމެ މުހިންމުކަންދޭ ވަސީލަތެވެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ ވަސީލަތްތައް ކިތަންމެ މަދު ޤައުމެއްނަމަވެސް މިހާލަތުގައިވެސް ދިވެހިންގެ ތެރޭގައި އުފެއްދުންތެރި ޤާބިލު މީހުން، ޚާއްސަކޮށް ޒުވާނުން ތިބިކަން ހާމަވެގެންމިދަނީ ދުނިޔޭގައި އެއެއްޗަކަށް އެންމެ ޑިމާންޑްބޮޑު ވެންޓިލޭޓަރުތައް ރާއްޖޭގެ ހުނަރުވެރި ބައެއް ބޭފުޅުން އުފައްދާފައިވާތީއެވެ.

މިދިޔަ މަހުގެ ތެރޭގައި ދިވެހި ސިފައިން ވެންޓިލޭޓަރެއް އުފައްދައި އެ ޓެސްޓުކުރި ވާހަކަ އަޑުއިވުމާއެކު ށ. ގޮއިދޫ އުމުރުން އެންމެ 19 އަހަރުގެ އަހްމަދު އަޝްހަމް ބޭނުންވީ އެކަމުން ހިތްވަރު ލިބިގެން އޭނާވެސް ވެންޓިލޭޓަރެއް ހެދުމަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އަޝްހަމް ބުނީ ސިފައިން ފުރަތަމަ ވެންޓިލޭޓަރެއް ހެދިވާހަކަ އަޑުއިވުމުން އެއިން ހިތްވަރުލިބިގެން ވެންޓިލޭޓަރު ހަދަން ފެށީ އުކާލާފައި ހުރި އިލެކްޓްރޯނިކް އާލާތްތަކުގެ ބައެއް ބައިތައް ބޭނުންކޮށްގެންކަމަށެވެ.

އެގޮތުން ކުރި މަސައްކަތުން 7 ދުވަސްތެރޭގައި ގާތްގަނޑަކަށް 10 ކިލޯގްރާމްގެ ބަރުދަނުގެ ވެންޓިލޭޓަރު ހަދާ ނިމިއްޖެ ކަމަށާއި ބައެއް އަޕްގްރޭޑްތައް ކުރުމަށް އިތުރު 4 ދުވަސްނެގިކަމަށް ، ގްރޭޑް 12 ނިންމުމަށްފަހު މިވަގުތު ރަށުގައި ހުރި އަޝްހަމް ކިޔައިދިނެވެ.

"މީގެ 90 ޕަސެންޓް އެއީހަމަ ވޭސްޓް އިލެކްޓްރޯނިކްސް ބޭނުންކޮށްގެން ހަދާފައި، އޭގެ ބައިތަކުން. މި ޕްރޮޖެކްޓް ވޯކްކުރަން 7 ދުވަސްނެގި. ދެން އިތުރު 4 ދުވަސް ނެގި ޓްރޮބަލް ޝޫޓިންގއާ އަޕްގްރޭޑިން މަސައްކަތްތައްކުރަން" އަޝްހަމް ބުންނެވެ.

އަޝްހަމަބުނީ ބޭނުންވާ ބައެއް ސާމާނު ހޯދުމަށް ދަތިތަކެއް ކުރިމަތިވިކަމަށާއި، އެގޮތުން ގިއަރ މޯޓަރު ނުލިބުމުން އެކަންކުރީ އޭސީގެ ގިއަރމޯޓަރު ޑީސީއަށް ބަދަލުކުރަން މޮޑިފައިކޮށްގެންކަމަށެވެ. ބައެއް މައުލޫމާތު ޔޫޓިބުން ހޯދިކަމަށާއި ނަމަވެސް ސަރކެޓްތައް ހަދަން އެއިންވެސް އައިޑިއާ ނުލިބުމުން ސަރކެޓްވެސް އަމިއްލައަށް ހެދީކަމަށެވެ. އެކަމަށް ގިނަ ވަގުތު ހޭދަވިނަމަވެސް ވެންޓިލޭޓަރު ހަދާފައިވާނީ މިހާރުވެސް ސިއްޙީ ފަރުވާދޭ ތަނުގައި ބޭނުންކުރެވޭނެފަދަ ގޮތަކަށް ތަފާތު ފީޗާސްތައް ހިމަނައިގެން ކަމަށް އޭނާބުންޏެވެ.

"ފީޗާސްތަކުގެ ތެރޭގައި ހިމެނޭނެ، މިސާލަކަށް އޭތި ބޭނުންކޮށްކޮށް ހުއްޓާ ކަރަންޓް ގޮސްފިނަމަ ޕަވަރ ފެއިލިޔަރ އެލާމެއް އަޅާނެ ރަތްކުލައިން ދިއްލޭގޮތަށް. ދެން އިންނާނީ އެތެރެބައިވެސް ފެންނަގޮތަށް އެތެރެފެންނަ ޕްލާސްޓިކްކޮޅެއްލާފަ. ހަމަ އެއަރ ވޮލިއުމް ކޮންޓްރޯލްވެސް ކުރެވޭގޮތަށް އިންނާނީ" އަޝްހަމް ކިޔައިދިނެވެ.

އަޝްހަމް ބުނީ އޭނާގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ގޭގައި އުޅޭ ކޮށްކޮމެންގެ ފަރާތުންކަމަށާއި، އެކުދިން އަތްގާތްކޮށްދިން އިރު އާއިލާގެ އެއްބާރުލުންވެސް ލިބުނުކަމަށެވެ.

ބޭނުންކުރި ތަކެތީގެ ތެރެއިން އެންމެ ސްވިޗެއް ފިޔަވައި އެހެން ހުރިހާ އެއްޗެއްވެސް ހޯދީ ރަށުގެ ކުނި ގޮނޑުންކަމަށާއި، ވެންޓިލޭޓަރު ހެދީ ގޭގައި ހުންނަ ވޯކްޝޮޕްގައިކަމަށް އޭނާ ބުންޏެވެ.

އަޝްހަމް ހެދި ވެންޓިލޭޓަރު މިއަދުވަނީ ރަށު ސިއްޙީ މަރުކަޒަށް ގެންގޮސް އެތަނުގައި ހުރި ޑޮކްޓަރުވެސް ބަލައި ޓެސްޓްކޮށްފައެވެ. އަދި އެވެންޓިލޭޓަރަކީ ބަރާބަރަށް މަސައްކަތްކުރާ އެއްޗަކަށްވުމުން ވެންޓިލޭޓަރެއް ކޮންމެހެން ބޭނުންވެއްޖެ ހާލަތުގައި މިވަގުތުވެސް ބޭނުންހިފޭނެކަމަށް ޑޮކްޓަރާއި ހަވާލާދީ އަޝްހަމް ބުންޏެވެ.

އަޝްހަމްބުނީ މިދުވަސްވަރު ސިއްޙީ މަރުކަޒު ބަންދުކޮށްފައިހުރުމުން ބޭނުންވާ ބައެއް މައުލޫމާތު ލިބުމުގައި ދަތިވުމުންވެސް ގިނަ ވަގުތު ވެންޓިލޭޓަރު ނިންމަން ހޭދަވިކަމަށެވެ. ވެންޓިލޭޓަރު ހަދިޔާކުރާނީ ސިއްޙީ މަރުކަޒަށްކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ސާމާނުލިބިއްޖެނަމަ ވެންޓިލޭޓަރުތައް ހަދަން ޝައުގުވެރިވާކަމަށް ބުންޏެވެ.

ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމި އަޝްހަމް ސައިންސްގެ ރޮނގުން ކުރިއަށްދާން ބޭނުންވާއިރު، އިލެކްޓްރޯނިކްގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަކަމަށާއި މިވަގުތު އުފަންރަށް ގޮއިދޫގައި ހުރެގެން ގޭގަ ހިންގާ ވޯކްޝޮޕްގައި ތަފާތު މަސައްކަތްކުރަމުންދާ ކަމަށް އަޝްހަމް ބުންޏެވެ. ނަމަވެސް މުސްތަގުބަލުގައި ޕައިލެޓަކަށް ވާން ބޭނުންވާ އަޝްހަމް މިހާރު އިންތިޒާރުކުރަނީ ޕައިލެޓްކަން ކިޔަވަން ލޯނުލިބޭނެ ވަގުތަކަށްކަމަށް އޭނާ ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެވެ.

ވެންޓިލޭޓަރު ހަދަން އަމިއްލަށް ވެލްޑިންކޮށް ކަޓްއޮފްވެސް ހަދައިގެން އެކަން ކާމިޔާބުކުރި އަޝްހަމް ބުނީ އެމަސައްކަތަކީ ޝައުގުވެރިކަން ހުންނަ ނަމަ ކުރަން އުނދަގޫ މަސައްކަތެއްނޫންކަމަށެވެ. މަސައްކަތް ފެށުމުން އިތުރު ވިސްނުންތައްވެސް އަންނަކަމަށް އޭނާ ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ސިފައިން ވެންޓިލޭޓަރެއް އުފައްދާފައިވާއިރު، އައްޑޫ ސިޓީ މީދޫ މީހަކުވެސް ވަނީ ވެންޓިލޭޓަރެއް އުފައްދާފައެވެ. ނަމަވެސް އަޝްހަމް ވެފައިމިވަނީ އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަނގު ޒުވާނާއަށެވެ.