މިދިޔަ 24 ގަޑިއރުގެ ތެރޭގައި 12 މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 1841 އަރައިފިއެވެ. އޭގެތެރޭގައި ހިމެނެނީ 11 ދިވެހިންނާއި އިންޑިއާ މީހެކެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންއީއޯސީގެ ތަރުޖަމާން އަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ޕޮޒިޓިވް ދިވެހިންގެ ތެރެއިން 7 މީހުންނަކީ ކުރިންވެސް ފާހަގަކުރެވިފައިވާ ކްލަސްޓަރތަކާއި ގުޅުން ހުރި މީހުންކަމަށެވެ. އަދި މިއަދު ޕޮޒިޓިވް ބިދޭސީ މީހާއަކީވެސް ކުރިން ފެނިފައިވާ ކްލަސްޓަރއަކާއި ގުޅުން ހުރި މީހެއްކަމަށެވެ.
މަބްރޫކް ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 819 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާކަމަށެވެ. އަދި މިއަދުވެސް 858 ސާމްޕަލް ނަގާފައިވާކަމަށެވެ. މިވަގުތު ނަތީޖާ ނުލިބޭ 443 ސާމްޕަލެއް އެބަހުރިކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި މިވަގުތު 472 ތަނެއް މޮނީޓަރިންގެ ހާލަތުގައި އެބަހުއްޓެވެ.
މަބްރޫކް ވިދާޅުވީ މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 5 ދިވެހިންނަކީ މި ބަލި ނުރައްކާވެދާނެ ފަދަ އެހެން ބަލިތައް ހުރި މީހުންކަމަށެވެ. މިވަތުތު ހޮސްޕިޓަލްގައި 11 މީހުންނަށް ފަރުވާދެމުން އަންނައިރު އޭގެތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އަނެއް 10 މީހުންނަށް ފަރުވާދެމުން އަންނަނީ ވޯޑްގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޯވިޑްޖެހި ފަރުވާދެމުން އަންނަ މީހުންނަށް ބަލާލާއިރު 67 މީހުންނަކީ އެހެން ބަލިތައް ހުރުމުން މި ބަލި ބޮޑުވެދާނެކަމަށް ބެލެވޭ މީހުންކަން ފާހަގަކުރެވިފައިވާކަމަށެވެ.
" އެހެން ބަލިތަކެއް ދިގުމުއްދަތަށް ބޭސްކުރާ 67 މީހަކު މި ބައްޔަށް މިހާރު ޕޮޒިޓިވް އެކްޓިވް ކޭސްތަކުގެ ގޮތުގައި ނުވަތަ ބޭސްކުރަމުންދާ މީހުންގެ ތެރޭގައި ހިމެނޭ." މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
އައިސޮލެޝަންގައި 1277 މީހުން
ކަރަންޓީނުގައި 1391 މީހުން
މަބްރޫކް ވިދާޅުވީ ކަރަންޓީނު ފެސިލިޓީސްތަކުގައި ތިބި މީހުންގެ ތެރޭގައި ޓްރާންސިޓް ކަރަންޓީނުގެ ގޮތުގައި ތިބި މީހުންވެސް ހިމެނޭކަމަށެވެ.
ކަރަންޓީނު ފެސިލީޓީސްތަކުން މިއަދު 155 މީހަކު ވަނީ ދޫކޮށްލާފައެވެ. މި އެންމެންވެސް ދޫކޮށްލާފައިވަނީ 14 ދުވަސް ފުރިހަމަކުރުމަށްފަހު ދެ ފަހަރު ސާމްޕަލް ނަގާ ނެޓިވްވުމުންނެވެ. ކަރަންޓީނުގައި ތިބި މީހުންގެ ތެރޭގައި ދޫކޮށްލުމަށް 47 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި މިއަދު ފްލޫ ކްލިނިކްތަކަށް ދެއްކި 96 މީހުންގެ ތެރެއިން 25 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.